ޚަބަރު

ކެންދޫ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ ގާބިލު ނޫން ބަޔަކާއި: ވަޒީރު ޑރ. ޝަހީމް


  • ސައިޓުގައި މަސައްކަތް ކުރިއަށްދަނީ އިންޖިނިއަރަކު ނެތި

  • މައްސަލަތައް ހައްލުކުރަން އެންގި ނަމަވެސް މިހާތަނަށް ހައްލުކޮށްފައި ނުވޭ

ބ. ކެންދޫގައި ތަރައްގީކުރަމުން އަންނަ މިސްކިތުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލުކޮށްފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ކަމަށާއި އޭގެ ސަބަބުން މަސައްކަތް ލަސްވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކެންދޫގައި ތަރައްގީ ކުރާ މިސްކިތާ ގުޅޭގޮތުން އެ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ކުރީ ސަރުކާރުން ބ. ކެންދޫގައި މިސްކިތް ބިނާ ކުރުމުގެ މަޝްރޫއު ފެއްޓެވީ ރިޔާސީ އިންތިޚާބާ ދިމާކޮށް ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ އެއްވެސް ތަޖުރިބާއެއް ހުރި ކުންފުންޏަކާ ނޫން ކަމަށާއި 8 ނޮވެމްބަރ 2023ގައި އެ ކުންފުންޏަށް 2.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރި ކުންފުނިން މަސައްކަތް ކުރަމުން އައީ ސައިޓުގައި އިންޖިނިއަރެއް ނެތި ކަމަށާއި އޭގެ ސަބަބުން ކުރެހުމާ ޚިލާފަށް މަސައްކަތް ކުރިއަށްގެންގޮސް، މަސައްކަތް އިތުރަށް ކުރިއަށްގެންދިއުމަށް ދަތިވެފައިވާ ކަމަށެވެ. އެކަންކަން ހައްލު ކުރުމަށް ކުންފުންޏަށް އެންގި ނަމަވެސް މިހާތަނަށް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫއަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މައްސަލަ ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށާއި، އެ މަޝްރޫއުގެ ކޮންޓްރެކްޓް ބާތިލުކޮށް، އައު ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށްވެސް ވަޒީރު ވިިދާޅުވިއެވެ.

"ސައިޓުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ވުޒާރާގެ ޓީމުތައް އެކި ފަހަރުމަތިން ވަނީ ކެންދޫއަށް ޒިޔާރަތްކޮށްފައި. މި ދަތުރުތަކުގައި ފާހަގަކުރެވުނު ކަންކަން ރަނގަޅު ކުރުމަށް ކޮންޓްރެކްޓަރަށް އެކި ފަހަރުމަތިން ވާނީ އަންގާފައި. މަސައްކަތްތައް އަވަސް ކުރުމަށް ޕްރޮގްރެސް މީޓިންތައް ބާއްވައި މަޝްވަރާތައް ވަނީ ކުރެވިފައި. ނަމަވެސް އެކަމަށް ހައްލު ނުލިބޭތީ ކޮންޓްރެކްޓް ބާތިލުކޮށް އައު ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރުމަށް ވަނީ ނިންމާފައި. މި މަޝްރޫއު ޓަރމިނޭޓް ކުރުމަށް ޤާނޫނީ އިޖުރާއަތް ވަނީ ފަށާފައި،" އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ކެންދޫގެ މިސްކިތުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށް އެ މަސައްކަތް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ކެންދޫގައި 500 މީހުންގެ ޖާގައިގެމިސްކިތެއް ބިނާ ކުރުމަށް ކުރީ ސަރުކާރުން ހަވާލުކުރީ ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑާއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް މި މިސްކިތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 15.4 މިލިޔަން ރުފިޔާއަށެވެ.