ވިޔަފާރި

ކްރެޑިޓް ގެރެންޓީ ސްކީމްގެ މަޢުލޫމާތު ވިޔަފާރިވެރިންނަށް ދެނީ


ދާދި ފަހުން ތަޢާރަފްކުރައްވާފައިވާ ކްރެޑިޓް ގެރެންޓީ ސްކީމާ ގުޅޭގޮތުން ވިޔަފާރިވެރިންނަށް މަޢުލޫމާތުދެއްވުމުގެ ސެޝަންތަކެއް ބޭއްވެވުމަށް މަރުކަޒީ ބޭންކުން ނިންމަވައިފިއެވެ.

މިމަހުގެ 24 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ މަޢުލޫމާތުމާތު ދެއްވުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބައްސަވާލައްވައިގެންނެވެ. އެގޮތުން ހެނދުނުގެ ދަންފަޅި ކުދިވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޙާއްޞަކުރައްވާފައިވާއިރު، މެންދުރުފަހުގެ ދަންފަޅި ޚާއްޞަކުރައްވާފައިވަނީ ބޮޑެތި ވިޔަފާރިތަކަށެވެ.

މަޢުލޫމާތުދެއްވުމުގެ ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ ފުރުޞަތު އެމްއެމްއޭއިން މިހާރު ވަނީ ހުޅުވާލައްވާފައެވެ.

ކްރެޑިޓް ގެރެންޓީ ސްކީމާ ގުޅޭގޮތުން މަޢުލޫމާތުދެއްވުމުގެ އިތުރަށް ރަނގަޅު ކްރެޑިޓް ހިސްޓްރީއެއް ވިޔަފާރިތަކުން ގެންގުޅުމުގެ މުހިއްމުކަމުގެ މައްޗަށާއި، ބޮޑެތި ކުންފުނިތަކުގެ ނަމުގައި ޢާއްމުނަށް ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދާ ހޯދުން މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް ހަމަޖެހިފައިވާ ކަމުގައި މަރުކަޒީ ބޭންކް، އެމްއެމްއޭއިން ހާމަކުރައްވައެވެ.

ދާދިފަހުން ތަޢާރަފްކުރައްވާފައިވާ ކްރެޑިޓް ގްރެންޓީ ސްކީމަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި އަދި އެއްވެސް ރަހުނަކާ ނުލައި ލޯނު ލިބިގެންދާ ސްކީމެކެވެ. މި ސްކީމްގައި ބައިވެރިވާ ބޭންކުތަކުން ދޫކުރާ ލޯނަށް %90 އާ ހަމަޔަށް އެމްއެމްއޭއިން ގެރެންޓީ ދެއްވުމަށް ހަމަޖެހިފައިވެއެވެ.