މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 3 ބޭފުޅަކަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޝަނަށް ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރެއިން 2 ބޭފުޅަކު ވަނީ އިންޓަރވިއު މަރުހަލާގެ ކުރިން ނަން އަނބުރާ ގެންދަވާފައެވެ. ބާކީ ތިބި 8 ބޭފުޅުންނާ އިންޓަރވިއު ކުރުމަށްފަހު ކޮމިޓީވަނީ މާކްސް ދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުން އެއްވެސް މުއައްސަސާއަކަށް ބޭފުޅަކު އައްޔަން ކުރައްވަން މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިނަމަ ކޮމިޓީން ގޮތެއް ނިންމާނީ އެ ބޭފުޅެއްގެ ތަޢުލީމާއި ތަޖުރިބާ އާއި އިންޓަރވިއުއަށް ބަލައިގެން މާކްސް ދިނުމަށްފަހުއެވެ. ކޮމިޓީން ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނީ %75 އަށްވުރެ މަތިން މާކްސް ލިބޭ ބޭފުޅުންގެ ނަންތަކެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަރވިއު ކުރުމަށްފަހު %75 އަށްވުރެ މަތިން މާކްސް ދީފައިވަނީ ތިން ބޭފުޅަކަށެވެ. އެއީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ޞަފާ ޝަފީގާއި މެންބަރު އައިމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު ފަރުޝަތަށެވެ.
މި މައްސަލައިގައި މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފައެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން 3 މެންބަރުން އައްޔަން ކުރާނެއެވެ. އެ ކޮމިޝަނަށް އިންތިޚާބަކާ ނުލައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން 4 މެންބަރުން މިހާރު ވަނީ އިންތިޚާބުވެފައެވެ. މަޖިލީހުން އައްޔަން ކުރާ މެންބަރުންނާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފެދޭ ފުރަތަމަ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން ހަމަވާނެއެވެ.