ޚަބަރު

އައްޑޫ ވޯޓު: ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަމެއް!


  • ވޯޓު ނަގަނީ ރައްޔިތުންގެ ފަރާތުން ޚިޔާލުތައް ލިބޭތީ

  • 2010ވަނަ އަހަރުވެސް މިފަދަ ވޯޓެއް މުޅި އައްޑޫގައި ނެގި

އައްޑޫސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް 3 ރަށެއްގެ މީހުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ ހޮނިހިރު ދުވަހު ނެގުމަށް ވަނީ ހަމަޖެހިފައެވެ. ދެ ފަރާތައްވެސް ބުރަވެވޭގޮތަށް ރާއްޖޭގެ އެކި ފަރާތްތަކުން ދަނީ މިކަމަށް ޚިޔާލު ހުށަހަޅުއްވަމުންނެވެ.

ލާމަރުކަޒީ ނިޒާމަކީ މިއަދު ރާއްޖޭގެ ގިނަ ބަޔަކު ޤަބޫލުކުރާ އެ ނިޒާމަކަށް ބަރޯސާކުރެވިފައިވާ ނިޒާމެކެވެ. އެންމެންވެސް ބޭނުންވަނީ އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށެވެ. އެހެންކަމުން ރައްޔިތުންގެ ކަންކަމުގައި އެކަމެއްގެ އަސަރު އެންމެ ބޮޑަށް ކުރާނެ ރައްޔިތުންނާ މަޝްވަރާކޮށް، އެބަޔަކު އެދޭގޮތަށް ގޮތް ނިންމުމަކީ މި ނިޒާމު އިތުރަށް ހަރުދަނާ ކުރެވޭނެ ކަމެކެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނެއް ވުޖޫދު ކުރުމުގެ ބޭނުމަކީވެސް މިއެވެ. އެކި ކަންކަމުގައި ރައްޔިތުން މިހާރު ހުށަހަޅަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން އެ އާބާދީއެއްގެ ގިނަ ބަޔަކު ދެކޭގޮތް ހޯދައި ގޮތް ނިންމުމެވެ. އައްޑޫ ސިޓީގެ ކައުންސިލް އުފެދިފައިވާގޮތާ ގުޅޭގޮތުން ވޯޓުނަގަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީވެސް އެސަބަބާހުރެއެވެ.

އެމަނިކުފާނު މި ވޯޓު ނެގުމަށް ނެރުއްވި ޤަރާރުގައިވެސް ވިދާޅުވެފައިވަނީ މި ވޯޓަކީ އައްޑޫ ސިޓީ، ފޭދޫ އާއި ހުޅުދޫ އާއި މީދޫގެ ގިނަ ބައެއްގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާ ގުޅިގެން އެ ތިން ރަށުގެ މުޅި އާބާދީ ދެކޭގޮތް ބެއްލެވުމަށް ނަގާ ވޯޓެއް ކަމަށެވެ. އެގޮތުން، ސިޓީ ކައުންސިލް އެކުލެވިފައިވާގޮތުން، ބައެއް ރަށްތަކަށް ކުރިން ލިބިފައިވާ އައިޑެންޓިޓީއަށް އުނިކަން ލިބި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށް ތަމްސީލުކުރުމަށް އެކަށޭނަ މާހައުލެއް ނެތްކަން ހާމަ ކުރައްވާކަމަށް ރައީސްގެ ޤަރާރުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފޭދޫ، އެ އަތޮޅުގެ ވެރިކަން ކުރާ ހިތަދޫއާ ދުރުގައި އޮތުމާއި ހުުޅުދޫ އާއި މީދޫ ވަކިން އޮތުމުގެ ސަބަބުން ދަތުރުފަތުރަށް ބޮޑެތި ޚަރަދުކުރަން ޖެހުމާއި ޚިދުމަތް ހޯދުމުގައި ދަތިތައް ދިމާވުމަކީވެސް މިފަދަ ވޯޓެއް ނެގުމަށް ރައްޔިތުން އެދޭކަން ހާމަވާ ކަމެކެވެ. މިފަދަ އެތައް ޝަކުވާތަކެއް 3 ރަށުގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައިވެއެވެ.

މިއީ އައްޑޫ ސިޓީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާ ފުރަތަމަ ފަހަރެއް ނޫނެވެ. 2010ވަނަ އަހަރުވެސް އެ އަތޮޅުގެ ރަށްރަށް ގުޅުވާލައިގެން ސިޓީއެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. އެ ވޯޓުގައި މީދޫ އާއި ފޭދޫގެ ގިނަ ރައްޔިތުން ވޯޓު ދިނީ ގުޅިގެން ސިޓީ އުފައްދަން ނުފެންނަ ކަމަށެވެ. އަދި ހުޅުދޫގައިވެސް ވޯޓު ދިން 195 މީހުންގެ ތެރެއިން 93 މީހުން ވަނީ އެފަދަ ބަދަލެއް ގެންނަން ނުފެންނަ ކަމަށް ވޯޓު ދީފައެވެ.

އެ ތިން ރަށުގެ ރައްޔިތުން ދެކޮޅުވިނަމަވެސް ގުޅިފައިވާގޮތަށް އައްޑޫސިޓީ އުފެދުނީ މުޅި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ވޯޓު ނެގުމުންނެވެ. މީދޫ އާއި ފޭދޫ އާއި ހުޅުދޫއަކީ އައްޑޫގައި އެންމެ އާބާދީ ކުޑަ ތިން ރަށެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ވޯޓާ ގުޅޭގޮތުންވެސް އެކި މީހުންގެ ޚިޔާލު ތަފާތެވެ. އެއް ބަޔަކު ވޯޓަށް އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ބުނާއިރު އަނެއްބައި މީހުން ބުނަނީ މިއީ އެ ރަށްރަށުގެ ރައްޔިތުން 15 އަހަރު ވަންދެން އެދެމުން އަންނަ ކަމެއް ކަމަށެވެ. އެއްބަޔަކު ވަކި ކައުންސިލްތައް އުފައްދަން ބޭނުން ނުވާކަަމަށް ބުނަމުންދާއިރު އަނެއް ބަޔަކު ބުނަމުންދަނީ އެއް ކައުންސިލެއްގެ ގޮތުގައި އޮތުމުން ވަކިވަކި ރަށްރަށަށް އަންނަންޖެހޭ ތަރައްގީ އެންމެ އެކަށީގެންވާ ގޮތުގައި ނާންނަ ކަމަށެވެ.

މިފަދަ ކޮންމެ ކަމެއްގައިވެސް ދެކޮޅަށްވެސް ބުރާވާ މީހުންތިބެއެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބޭނުމަކީވެސް މިއީއެވެ. ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ އާބާދީގެ ކުޑަ އިންސައްތައެއްގެ އަޑު އެހުމުގެ ބަދަލުގައި އާބާދީގެ މުޅި ޖުމްލަ ރައްޔިތުން ދެކޭގޮތް ބެލުމެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ވޯޓާއެކު ފޭދޫ އާއި ހުޅުދޫ އާއި މީދޫގެ ރައްޔިތުން އެ ރަށްރަށުގައި ވަކި ކައުންސިލް އުފައްދަން ބޭނުންވާކަން ނުވަތަ ނޫންކަން ހާމަވެގެންދާނެއެވެ. ކޮންމެ ގޮތަކަށް ވޯޓު ފާސްވިކަމުގައިވިޔަސް ކުރިއެރުން ލިބެނީ ރައްޔިތުންނަށެވެ. ލާމަރުކަޒީ ނިޒާމަށެވެ.