ޚަބަރު

ޗެލްސީ އަތުން ބަލިވިތާ 19 މިނެޓު ފަހުން ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވިތާ 19 މިނެޓު ފަހުން ނޮޓިންހަމް ފޮރެސްޓުގެ ކޯޗު އެންޖޭ ޕޮސްޓެކޮގްލޫ މަގާމުން ވަކިކޮށްފިއެވެ.

އުމުރުން 60 އަހަރުގެ ޕޮސްޓެކޮގްލޫ ކޯޗު ކަމުން ވަކިކުރުމާއިއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގައި އެންމެ ކުރު މުއްދަތަކަށް ކްލަބެއްގެ ކޯޗުކަން ކުރި ފަރާތަށެވެ. ފޮރެސްޓްގެ ކޯޗު ކަމުން ނޫނޯ އެސްޕިރީޓޯ ސަންޓޯސް ވަކިކޮށް ޕޮސްޓެކޮގްލޫ މަގާމާއި ހަވާލުވިތާ އަދި މިވީ އެންމެ 39 ދުވަހެވެ.

މިދިޔަ ސެޕްޓެމްބަރ މަހު މަގާމާއި ހަވާލުވުމަށްފަހު ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ފޮރެސްޓް އަދި މެޗަކުން މޮޅުވެފައެއް ނުވެއެވެ. ލީގުގައި މިހާތަނަށް 8 މެޗު ކުޅެފައިވާއިރު އެއްވެސް މެޗަކުން މޮޅުނުވެ އެ ޓީމަށް ލިބިފައިވަނީ ޖުމްލަ 5 ޕޮއިންޓެވެ.

މިއީ ފޮރެސްޓްގެ ކޯޗެއްގެ ގޮތުގައި ފުރަތަމަ އަށް މެޗުން ކުރެ އެއްވެސް މެޗަކުން މޮޅުނުވެ މަގާމުން ވަކިކުރި ފުރަތަމަ ފަރާތެވެ.

މި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތުވެސް ނުލިބި ކޯޗު ޕޮސްޓެކޮގްލޫގެ އިންތިޒާރުގައި ނޫސްވެރިން ތިއްބާ އެ ކްލަބުން އަންގާފައިވަނީ ކޯޗު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.