ޚަބަރު

ފޮރެސްޓް ބަލިކޮށް ޗެލްސީ ކުރިއަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ޗެލްސީން ކާމިޔާބުކޮށްފިއެވެ.

މި މެޗުން ޗެލްސީ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމް ލިބިފަ އެވެ. ނޮޓިންހަމް ފޮރެސްޓަށް އަށް މެޗުން ލިބިފައިވާ 5 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގަ އެވެ.

ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ސަސްޕެންޑް ކޮށްފައިވާ މި މެޗަށް އެ ޓީމު ނިކުތްއިރު ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަނިޔާގެ ސަބަބުން ކޯލް ޕާމާ އާއި އެންޒޯ ފެނާންޑޭޒް ނެތި ކުޅުނު މި މެޗުގައި އެ ޓީމުގެ މެދުތެރެއިން އެތަން ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ނޮޓިންހަމް ފޮރެސްޓްގެ ކީޕަރު ސެލްޒް ވަނީ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފަށް ޗެލްސީ ނިކުތްއިރު އެ ޓީމަށް ވަނީ ތިން ބަދަލެއް ގެނެސްފަ އެވެ. އެގޮތުން މިޑްފީލްޑަރ މޯސެސް ކައިސޭޑޯ އާއި މާކް ޖިއުގެ އިތުރުން ގިޓެންސް ވަނީ ކުޅެން އަރުވާފަ އެވެ.

ޗެލްސީ އިން މި މެޗުގައި ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ޑިފެންޑަރ ޖޯޝް އަޗެއަމްޕޮންގް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ ޕެޑްރޯ ނެޓޯ އަރިމަތިން ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖޯޝް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

އަދި އޭގެ ތިން މިނިޓު ފަހުން ޗެލްސީ އަށް ލިބުނު ހިލޭ ޖެހުމަކުން ޕެޑްރޯ ނެޓޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ޗެލްސީ އިން ދެވަނަ ލަނޑެއް ޖެހުމާއިއެކު ފޮރެސްޓްގެ ވެރިޔާ އެވެންޖެލޮސް މަރިނާކިސް ވަނީ ޑިރެކްޓަރުންގެ ބޯޑު ދޫކޮށް ގޮސްފަ އެވެ.

ޗެލްސީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ކެޕްޓަން ރީސް ޖޭމްސް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ދެވަނަ ރީނދޫ ކާޑަކާއިއެކު ޗެލްސީގެ މާލޯ ގަސްޓޯ އަށް ރެފްރީ ވަނީ ރީނދޫ ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.