މެލޭޝިއާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ސަސްޕެންޑްކޮށް، ވަރުގަދަ ތަހުގީގެއް ފަށައިފިއެވެ.
މެލޭޝިއާ އެފްއޭގެ ޖެނެރަލް ސެކްރެޓަރީ ނޫރް އަޒްމާން ރަހުމާން ސަސްޕެންޑް ކޮށްފައިވަނީ މެލޭޝިޔާގެ ގައުމީ ޓީމަށް ކުޅުވަން ދާދި ފަހުން ނެޗުރަލައިޒް ކޮށްފައިވާ ހަތް ކުޅުންތެރިންގެ މައްސަލައިގައި ފީފާ އިން އެ ގައުމު ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.
އެފްއޭ އިން އިއްޔެ ބޭއްވި ހޫނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާގެ ނައިބް ރައީސް އެސް. ސިވަސުންދަރަމް ބުނެފައިވަނީ ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގައި ގޯސް ލިއުންތަކެއް ހުށައަޅާފައި ނުވާނެ ކަމަށާއި އަދި އެ މައްސަލަ މިހާރު ފީފާ އިން އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
ފީފާ އިން މެލޭޝިޔާ ސަސްޕެންޑް ކޮށްފައިވަނީ މެލޭޝިޔާގެ ގައުމީ ޓީމަށް ކުޅުވުމަށް ދާދި ފަހުން ރަޖިސްޓަރީ ކުރަން މަސައްކަތް ކުރި ހަތް ކުޅުންތެރިން މެލޭޝިޔާ އާއި ގުޅުން އޮތްވަރު ހާމަކޮށްދިނުމަށް ހުށައަޅާފައިވާ ލިޔެކިއުންތަކަކީ ސައްހަ ލިއުންތަކެއް ނޫން ކަމަށާއި އެއީ ފޯޖް ކޮށްފައިވާ ލިއުންތަކެއް ކަމަށް ބުނެ އެވެ.
ފީފާގެ ޑިސިޕްލިނަކީ ކޮމިޓީ އިން ބުނެފައިވަނީ ފީފާ އަށް ލިބިފައިވާ އެ ހަތް ކުޅުންތެރިންގެ އުފަން ދުވަހުގެ ސެޓްފިކެޓާއި މެލޭޝިޔާއިން ހުށައެޅި ލިއުންތަކުގައި ތަފާތު ކުރުންތަކެއް ހުރި ކަމަށާއި އެހެންކަމުން އެ ގައުމުން އެ ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގެ ކުރިން ބަލަންވާވަރަށް ނުބަލާ ކަމަށެވެ.
އަދި އެ މައްސަލަ އިތުރަށް މެލޭޝިޔާގެ އެފްއޭ އިން ބެލުމަށް ޖެނެރަލް ސެކްރެޓަރީ ވަގުތުން ސަސްޕެންޑްކޮށް މިނިވަން ތަހުގީގެއް ވަނީ ފަށާފަ އެވެ.