ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ.އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، އަޙުމަދު ސަޢުދީއެވެ.
2,078 މީހުންގެ އާބާދީއެއް އޮންނަ މިލަންދޫ އަކީ ވަރަށް ބޮޑަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް ރައްޔިތުންނަށް ލިބި ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި ރައްޔިތުންގެ ކަންބޮޑުވުމަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން 712 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 228 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢަކީ 50.46 މިލިއަން ރުފިޔާއަށް 210 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.