ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ކެޕްޓަން މާޓިން އޮޑެގާޑަށް ދެން ކުޅުމުގެ ތެރެއަށް އާދެވޭނީ ނޮވެންބަރު މަހުގެ މެދުތެރޭގައި ކަމަށް އާސެނަލްއިން ބުނެފިއެވެ.
އޭނާ އަށް އަނިޔާވީ އިނގިރޭސި ޕްރެމިއާ ލީގުގައި ވެސްޓްހަމް އަތުން މި މަހުގެ ހަތަރު ވަނަ ދުވަހު އާސެނަލް މޮޅުވި މެޗުގަ އެވެ. މި އަނިޔާގެ ސަބަބުން އެ މެޗުގެ ފުރަތަމަ ހާފުގައި އޭނާ ބާލަން ޖެހުނެވެ.
އާސެނަލްއިން ބުނީ އޮޑެގާޑްގެ ކަކޫ ސްކޭން ކުރުމަށްފަހު އެންމެ ފުރަތަމަ ގަބޫލު ކުރެވުނީ މި ހަފުތާގައި ކުޅޭ ގައުމީ ޓީމުގެ މެޗުތަކަށް ފަހު އޭނަ އަށް ކުޅެވޭނެ ކަމަށް ކަމަށެވެ. ނަމަވެސް މި އަނިޔާ ކުރިއަށްވުރެ ސީރިއަސްކަން އެނގުނީ ފަހުން ކަމަށެވެ.
އުމުރުން 26 އަހަރުގެ އޮޑެގާޑަކީ އާސެނަލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މި އަނިޔާގެ ސަބަބުން އޭނަ އަށް އިނގިރޭސި ޕްރެމިއާ ލީގުގެ ހަތަރު މެޗެއް ގެއްލޭނެ އެވެ. އެއީ ފުލަމް އާއި ކްރިސްޓަލް ޕެލަސް އަދި ބާންލޭ އާއި ސަންޑަލޭންޑާ ދެކޮޅަށް ކުޅޭ މެޗެވެ. މީގެ އިތުރުން ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ މެޑްރިޑާއި ސްލާވިއާ ޕްރާގާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުގައި ވެސް ނުކުޅެވޭނެ އެވެ.
އޮޑެގާޑަކީ ކޯޗު މިކޭލް އާޓެޓާގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. އޭނާ ބުނީ އޮޑެގާޑް ނެތި ކުޅެން ޖެހުމަކީ އާސެނަލް އަށް އުނދަގޫތަކެއް ދިމާވާނެ ކަމެއް ކަމަށާއި ނަމަވެސް ކޮންމެ ކަމަކުން ވެސް އަރައިގަންނާނެ ގޮތް ހޯދަން ޖެހޭ ކަމަށެވެ.
އާސެނަލް މި ވަގުތު އޮތީ އިނގިރޭސި ޕްރެމިއާ ލީގުގެ އެއް ވަނާގަ އެވެ. މިދިޔަ ތިން ސީޒަނުގައި ވެސް ދެ ވަނަ އަށް ދިޔަ ޓީމުން ވަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް 400ވުރެ ގިނަ މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.
މިހެންވެ މި ސީޒަނަކީ ކޯޗު އާޓެޓާ އަށް ވެސް ނަތީޖާ ނެރެން މަޖުބޫރު ސީޒަނަކަށް ވަނީ ވެފަ އެވެ. އޭނާ ކޯޗުކަމާ ހަވާލުވި ފަހުން މިހާތަނަށް އާސެނަލް އަށް ކާމިޔާބު ކުރެވުނީ އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތާއި ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗު އެކަންޏެވެ.