ޚަބަރު

އެއްވެސް މަޑުޖެހުމެއްނެތި 30 މަސްދުވަހުގެތެރޭ ބިލެތްފަހި އެއަރޕޯޓު ނިންމާނަން: ރައީސް


  • އެއަރޕޯޓް ތަރައްޤީކުރުމާއި ހިންގުން އެމްއޭސީއެލަށް

  • 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރާނެ

ށ. ބިލެތްފަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓުގެ މަސައްކަތް ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމާ ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބިލެތްފަހީގެ އެއަޕޯޓް މަޝްރޫޢުގެ މަސައްކަތް ކުރުމަށާއި ހިންގުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއެވެ.

ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ ރަށުގައި އެއަޕޯޓެއް ތަރައްޤީކުރުމަށް މީގެ ކުރިން އެކި ސަރުކާރުތަކުން ވަޢުދުވިނަމަވެސް އެއީ މިހާތަނަށްވެސް ހަޤީގީ ކުލަޖެހިފައިނުވާ މަޝްރޫޢުއެއްކަމަށެވެ. ނަމަވެސް މި ސަރުކަރުން އެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އެއަޕޯޓް ތަރައްްޤީކޮށް ހިންގުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި މަޝްރޫޢުއަށް އެ ރަށުން 36 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށާއި އެ މަސައްކަތް އެއްވެސް މަޑުޖެހުމެއް ނެތި ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަސައްކަތާއެކު ފުރިހަމަ އެއަޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް 30 މަސްދުވަހުގެ ތެރޭގައި ނިންމާލާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން 1500 މީޓަރުގެ ދިގު ރަންވޭއަކާއެކު އެއަރޕޯޓެއްގައި ހުންނަން ޖެހޭ ހުރިހާ ވަޞީލަތްތަކެއް ޤާއިމްކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެއަޕޯޓް ތަރައްޤީގެ މަސައްކަތްތައް މުޅި މަޝްރޫޢު ގިނަވެގެން 2 އަހަރާއި ބައި ގައި ނިންމާނެ. މިމަސައްކަތް ދެން އެއްވެސް ވަރަކަށް މަޑުޖެހުމެއް ނެތް، ބާރު ސްޕީޑްގައި ކުރިއަށްދާނެ. ދެން ފެންނާނީ މިކަން ފުރިހަމަވެގެން ދާތަން. މިއިީ ރައްޔިތުންނަށް ވަރަށް މުހިއްމު ކަމެއް. މީގެ ސަބަބުން ރަށުގެ ތަރައްޤީއަށް އަންނާނެ ކުރިއެރުން އަންދާޒާ ކުރެވޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއަޕޯޓް ތަރައްޤީކުުރުމުގެ އިތުރަށްވެސް އެރަށުގައި މުހިއްމު މަޝްރޫޢުތަކެއް ކުރިއަށްގެންދަވާނެކަމަށެވެ. ޚާއްސަކޮށް ފެނާ ނަރުދަމާގެ މަސައްކަތް ކުރުމަށް އެމްޑަބްލިއުއެސްސީއަށް ހަވާލުކޮށްފައިވާކަމަށާއި ބަނދަރަށް ދިމާވެފައިވާ މައްސަލަވެސް ހައްލުކުރުމަށް އެމްޓީސީސީއަށް ހަވާލުކޮށް އެ މަސައްކަތް ކުރިއަށްގެންދެވޭ ވަރަށް ތަައްޔާރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ބަނދަރުގެ މައްސަލަ ހައްލުކޮށް ނިންމުމަށްފަހު އޮޑިދޯނި އެހެލާނެ ސަރަޙައްދެއް ތަރައްޤީކުރުމުގެ އިތުރަށް ރަށްގިރުމުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

"މިފަދަ މައްސަލަތަކަކީ ދާއިމީީ ހައްލެއް ގެންނަން ޖެހޭ މައްސަލަތަކެއް. މިކަން އިސްކަމެއް ދީގެން ރައްޔިތުން ބޭނުންވާގޮތަށް ހައްލުކޮށް ބަދަލެއް ނާންނަނަމަ ނެރުގެ މައްސަލަ ފެބްރުއަރީ މަސް ނިމެންވާއިރަށް ހައްލުކޮށްދޭނަން." ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް އަލިއަލުވާލައްވާ ރައީސް ވަނީ ބިލެތްފަހީގެ ސްކޫލްގައި ހުއްޓިފައި ހުރި ކްލާސްރޫމްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަފައެވެ. އަދި މިހާރު ހުއްޓިފައި ހުރި 4 ކްލާސްރޫމްގެ އިތުރަށް، އިތުރު 4 ކްލާސްރޫމާއެކު ޖުމުލަ 8 ކްލާސްރޫމް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެ ރަށުގެ ސިއްޙީ މަރުކަޒު 16 ގަޑިއަރަށް ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ހެދުމަށްޓަކައިވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން ސިއްޙި މަރުކަޒުގެ ޖާގަ އިތުރުކުުރުމަށާއި ވަޞީލަތްތައް ހޯދުމަށް ބަޔަކާ ހަވާލުކުރާނެކަމަށާއި ޖާގަ އިތުރުކުރުމާއި، ވޯޑުތަކާއި ޑޮކްޓަރު ބަލާ ކޮޓަރިއާއި ޕްރައިވެޓް ރޫމް ހިމެނޭހެން ފުރިހަމަ ސިއްޙީ މަރުކަޒެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖާގަ އިތުރުކުރުމުގެ މަސައްކަތް ނިމުމުގެ ކުރިންވެސް، އަންނަ އަހަރު ކުރީކޮޅު މުވައްޒަފުން އިތުރުކޮށް އިތުރު ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިލެތްފަހީގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރުމަށް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށްޓަވާނެކަމަށެވެ. އަދި ކުޅިވަރުގެ ދާއިރާއިން މިއަހަރުގެ ތެރޭގައި ފުޓްބޯޅަ ދަނޑު ތަރައްްޤީކުރުމުގެ މަސައްކަތްވެސް ފަށްޓަވާނެކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހޭންޑްބޯލްއާއި ވޮލީ ކޯޓު ތަރައްޤީކުރުމަށް ހިމަނާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.