ޚަބަރު

ކުރިން މެޗުގައި ހެދުނު ގޯސްތަކަށް ސަމާލުވާނަން: މޯހަން


  • ގައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެންނަނީ ކުޅިވަރުގެ ނަމޫނާއެއްކަމަށް މޯހަން ފާހަގަކުރި

  • ޓީމުގައި މިވަގުތު އަނިޔާގެ މައްސައެއްނެތް، އެހެންނަމަވެސް ދެ ރީނދޫ ކާޑު ހަމަވެ އައިސަމް މިމެޗަކުން ނުފެންނާނެ

  • "ﷲ އިރާދަކުރެއްވެއްޖިއްޔާމު ގޮތެއް ހަދާލަވެނޭކަމަށް އަޅުގަނޑު ގަބޫލުކުރަނީ"

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިމަހުގެ 9 ވަނަ ދުވަހު ތަޖަކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުގައި ގައުމީ ޓީމުން ދެއްކި ކުޅުން ރަނގަޅުކަމަށާއި، އެހެންނަމަވެސް މެޗަކުން ބަލިވާނީ ގޯސްތަކެއް ހެދިގެންކަމަށް ގައުމީ ޓީމުގެ ކޯޗު މުހަންމަދު ޝިޔާޒު (މޯހަން) ބުނެފިއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން މޯހަން ބުނީ ތަޖިކިސްތާނުގެ ހިސޯރު ސެންޓްރަލް ސްޓޭޑިއަމުގައި ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވި ނަމަވެސް އެމެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅުކަމަށެވެ. މޯހަން ބުނީ ތަޖަކިސްތާނަކީ ވަރުގަދަ ޓީމެއްކަމަށެވެ. އެހެންނަމަވެސް ގައުމީ ޓީމުން އެޓީމާ ދެކޮޅަށް ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށާއި އެމެޗަކީ ގައުމީ ޓީމުން ހިތްވަރުކޮށް ކުޅިވަރު އަޚުލާޤު ދައްކުވައިދިން މެޗެއްކަމަށްށެވެ.

"ތަޖިކިސްތާނަކީ އާދައިގެ ގައުމެއް ނޫން ފުޓްބޯޅައިގައި ބަލާ ކަމަށްވެއްޖިއްޔާމު އެންމެފަހުގެ އޭޝިއަން ކަޕް ރައުންޑް އޮފް 16 ގަ ޕެނަލްޓީ ޖަހައިގެން ބަލިވެފަ މިއޮތީ. އެހެންވީމަ ވަރަށް ގަދަ ގައުމެއްގެ ވާހަކަ މިދައްކަނީ އަޅުގަނޑުމެން ކުޅެންޖެހޭ މެޗު. އިރާދަކުރެއްވިއްޔާމު ފުލީ ޕްރިޕެއާރޑްއޭ ބުނާނީ" މޯހަން ބުނެފަވެއެވެ.

މޯހަން ބުނީ މާދަމާގެ މެޗަށް ގައުމީ ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފަކަމަށެވެ. އަދި ޓީމުގައި މިވަގުތު އަނިޔާގެ މައްސައެއްނެތްކަމަށާއި އެހެންނަމަވެސް ދެ ރީނދޫ ކާޑު ހަމަވެ އައިސަމް އަށް ނުކުޅެވޭނެކަމަށެވެ. އެހެންކަމުން އެކަން ފޫބެއްދުމަށް ވިސްނުންތަކެއް ވިސްނާފައިވާކަމަށް ކޯޗު ބުންޏެވެ. އަދި މެޗުގެ ތެރެއިން ކޮންމެވެސް ވަރަކަށް ޕޮޒިޝަންތަކަށް ކުދިކުދި ބަދަލުތަކެއް އައިސްދާނެކަމަށް ކޯޗު ފާހަގަކުރިއެވެ.

"އަޅުގަނޑުމެންނަށްވުރެ ގަދައިންޔާމު އަޅުގަނޑުމެން ޑިފެންސިވްވާން ޖެހޭ. އަޅުގަނޑުމެންނާ އެއްވަރުކަމަށް ވެއްޖިއްޔާ ނޫނީ އަޅުގަނޑުމެންނަށް އެމެޗެއްގެ ކުރި ހޯދޭނެކަމަށް ހީވެއްޖިއްޔާމު އެޓޭކިންއަށް ބަދަލުކުރަންޖެހޭ" މޯހަން ބުންޏެވެ.

ގައުމީ ޓީމުގެ ފަރާތުން ފެންނަނީ ވަރަށް ބޮޑަށް ކަމަށް ކަމޭހިތައިގެން ކުޅިވަރުގެ އަޚުލާގު ދައްކަމުންދާތަންކަމަށް ކޯޗު ފާހަގަކުރިއެވެ. ޓީމުގެ ކޮންމެ ކުޅުންތެރިއަކުވެސް ޕްރެކްޓިސްތަކަށް ފަރުވާތެރިވެ، ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ގަދައަޅާ މަސައްކަތްކުރަމުން އަންނަކަމަށް މޯހަން ބުނެފަވެއެވެ.

"މަސައްކަތު ރޭޓް ވަރަށް ރަނގަޅޭ ދަންނަވަންޖެހެނީ ޕްރެކްޓިސްތަކުގަ. ޑިސިޕްލިންއާ މި އެއްޗިއްސަށް ހަމަ އެއްވެސް ސުވާލެއް ނެތް. އެހުރިހާކަމެއް ވަރަށް ރަނގަޅު ކުޅުންތެރިންގެ. އެހެންވީމާ ﷲ އިރާދަކުރެއްވެއްޖިއްޔާމު ގޮތެއް ހަދާލަވެނޭކަމަށް އަޅުގަނޑު ގަބޫލުކުރަނީ" މޯހަން ބުންޏެވެ.

މާދަމާ ތަޖިކިސްތާނާ ދެކޮޅަށް ނުކުންނައިރު އުންމީދަކީ ބަލިނުވެ ރަނގަޅު ނަތީޖާއަކާއި އެކު ގަލޮޅު ދަނޑުން ފޭބުންކަމަށް މޯހަން ހާމަކުރިއެވެ.