ޚަބަރު

ކަނޑިތީމު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި


  • ކަނޑިތީމުގައި އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެއް

  • މިއީ އިންޑޯ ޖިމް އާއި މީޓިންރޫމާއި އެކި ކަހަލަ ބޯޑު ގޭމުތަކާއި ގިނަ އިންޑޯ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް ތަރައްޤީކުރާ ސެންޓަރެއް

ށ. ކަނޑިތީމު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ކަނޑިތީމު ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ށ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަނޑިތީމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކަނޑިތީމުގައި އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

މި ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢުއެވެ. ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މެޖަރ ރިޓަޔާޑް މުހައްމަދު ނަޖާހް އަދި ކަނޑިތީމު ކައުންސިލުގެ ރައީސް އަހުމަދު އަހުސަން ބައިވެރިވެވަޑައިގެންނެވިއެވެ.

ކަނޑިތީމުގައި އަޅާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އިންޑޯ ޖިމް އާއި މީޓިންރޫމާއި އެކި ކަހަލަ ބޯޑު ގޭމުތަކާއި ގިނަ އިންޑޯ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް ތަރައްޤީކުރާ ސެންޓަރެކެވެ.