ޚަބަރު

ގޮއިދޫ ކުނި މެނޭޖްކުރާ ސެންޓަރުގެ ބިންގާ އަޅައިފި


  • މިމަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކައާއި

  • މަސައްކަތް ނިމޭއިރު ރަށުގެ ކުނީގެ މައްސަލައަށް ހައްލެއް ލިބޭނެ

މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކުނި މެނޭޖްކުރާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ގޮއިދޫގައި ކުނި މެނޭޖްކުރާ ސެންޓަރުގެ ބިންގާ އެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގޮއިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ އިދާރީ ދައިރާތައް ހިންގުމާއި އަންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އަދި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ.

ގޮއިދޫ ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ނިމޭއިރު ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ދަނީ ފައްޓަވައިދެއްވަމުންނެވެ. އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ރަށުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ގެންދަވަނީ ހިއްސާކުރައްވަމުންނެވެ.