ޚަބަރު

ޚިޔާލުހޯދުމުގެ އާންމު ވޯޓު އޮބްޒަރވް ކުރުމާއި މޮނިޓަރކުރަން ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވާނެ


އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ނަގާ ޚިޔާލުހޯދުމުގެ އާންމު ވޯޓު އޮބްޒަރވް ކުރުމާއި މޮނިޓަރކުރަން އެދި ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވާނެއެވެ.

އޮބްޒަރވް ކުރުމާއި މޮނިޓަރކުރަން ފޯމު ހުށައެޅޭނީ މިއަދު ހަވީރު 04:00އާ ހަމައަށެވެ.

މޮނިޓަރުންނަށްވުމަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ފަރާތްތަކުން އޮބްޒާވަރުންނަށް ވުމަށް އެދި ފޯމު ހުށައެޅުމާއި ސިޔާސީ ޕާޓީތަކުގެ އޮބްޒާވަރުންނަށް ވުމަށް އެދި ފޯމު ހުށައެޅުމަށްވެސް ވަނީ ހުޅުވާލާފައެވެ.

ސިޔާސީ ޕާޓީތަކުގެ އޮބްޒާވަރުންނަށްވުމަށް އެދި ފޯމު ހުށައެޅޭނީ simidha.election.gov.mv އަށެވެ. އަދި މޮނިޓަރުންނާއި އޮބްޒާވަރުންގެ މަޢުލޫމާތު ހުށައެޅުމަށްޓަކައި ޑޭޓާ އެންޓްރީ އޮފިސަރަކަށްވުމަށް އެދޭ ފޯމު މެއިލްކުރާނީ [email protected] އަށެވެ.

އޮބްޒާވަރުންވެސް އަދި މޮނިޓަރުންވެސް ސުލޫކީ މިންގަޑުގެ އިޤުރާރުގައި ސޮއިކުރަންޖެހޭނެއެވެ. އިގުރާރު ހުށައަޅަންޖެހޭނީ ކޮމިޝަންގެ ޕޯޓަލް my.elections.gov.mv އަށެވެ.

މި ވޯޓު ބޭއްވުމަށް ނިންމާފަވަނީ މިމަހުގެ 25ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓުގައި ހިމެނޭ 3 ރަށާއި މާލެ ހިމެނޭހެން 18 ވޯޓު ފޮށި ބަހައްޓައެވެ. މާލޭގައި 7 ވޯޓު ފޮށި ބަހައްޓާނެއެވެ.