ޚަބަރު

މީޑިއާ ކޮމިޝަންގެ މެމްބަރުކަމުގެ 3 މަޤާމަށް 10 ބޭފުޅުން


  • ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ބްރޯޑްކޮމް އާއި އެމްއެމްސީގެ އިސް ބޭފުޅުން ހިމެނޭ

  • އިންތިޚާބުކުރާ 4 މެންބަރުން ވަނީ ވޯޓަކާ ނުލައި އިންތިޚާބުވެފައި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެންބަރުންގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. މި މައްސަލަ ދިރާސާކޮށް، އެ ކޮމިޝަނަށް ބޭފުޅުން އައްޔަން ކުރެއްވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. މީގެ ތެރެއިން 4 މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަން ކުރައްވާއިރު 3 މެންބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޤާނޫނުގައި ވަނީ ބަޔާންކުރައްވާފައެވެ.

މަޖިލީހުން އައްޔަން ކުރައްވާ މެންބަރުންނަށް އެ ފުރުސަތު މަޖިލީހުން ހުޅުވާލީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. އެ ފުރުސަތުގެ މުއްދަތު ހަމަވިއިރު 10 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް މަޖިލީހުން ވިދާޅުވިއެވެ. މީގެ ތެރޭގައި މީޑިއާ ރެގިއުލޭޝަން ޤާނޫނަށް ގެނައި އިސްލާހާއެކު އުވިފައިވާ މޯލްޑިވްސް މީޑިއާ ކަައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިސްބޭފުޅުން ހިމެނެއެވެ.

މީޑިއާ ކޮމިޝަނަށް ކުރިތިލެއްވި ބޭފުޅުން

  • ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ
  • މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
  • ސަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ
  • އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
  • އިބްރާހިމް މުހައްމަދު، ގ. ވިންޑް
  • މޫސާ ރިލްވާން، މ. ހާވިލާ
  • ފާރިސް ތޯހާ، ހ. ސޯސަން
  • ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
  • މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ
  • ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް

މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން އިންތިޚާބަކާ ނުލައި މިހާރު ވަނީ ހޮވިފައެވެ. އެގޮތުން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދު ހޮވިފައިވާއިރު އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފް ވަނީ ހޮވިފައެވެ.