އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލުގެނައުމަށް އެ އަތޮޅުގެ ތިން ރަށެއްގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ސުވާލުތަކަށް އެމަނިކުފާނު ބަދަލު ގެންނަވައިފިއެވެ. އެމަނިކުފާނު މިބަދަލުތައް ގެންނެވީ އެކަމަށްޓަކައި ނެރުއްވި ޚާއްސަ ޤަރާރަކުންނެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު އެ ވޯޓެއް ނެގުމަށް ޤަރާރަކުން ކަނޑައަޅުއްވަންޖެހިވަޑައިގަންނަވައެވެ. އަދި އެ ޤަރާރެއްގައި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހަޅުއްވާ ސުވާލުތައް ތަފްސީލުކޮށް ބަޔާންކުރެވިފައި ހުންނަންޖެހެއެވެ.
މި މަހުގެ 6ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް އެމަނިކުފާނު ޤަރާރަކުން ކަނޑައެޅުއްވިއެވެ. އެ ޤަރާރާއެއްގޮތަށް އެ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ. މީގެ އިތުރުން އިތުރު ޤަރާރަކުން އެމަނިކުފާނު ވަނީ ކުރިން ހުށަހެޅުއްވި ސުވާލުތަކަށް ބަދަލުތައް ގެންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އައްޑުއަތޮޅު ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވާފައެވެ. އޭގެބަދަލުގައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ރައީސުލްޖުމްހޫރިއްޔާ ވަނީ ހުށަހަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލުތަކަށް ބަދަލު ގެންނެވި ނަމަވެސް ވޯޓުލާ ދުވަހަކަށް ބަދަލެއް ނާންނެއެވެ. އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުން ކުރިއަށްދާނީ މި މަހުގެ 25ވަނަ ދުވަހު ހެނދުނު 8:00ން ހަވީރު 4:00 އަށެވެ. ވޯޓުގެ ނަތީޖާ 26ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.