ޚަބަރު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގެ ޤުރުއާނުގެ ފަންނު އެހެން ހަރުފަތަކަށް


  • މުބާރާތުގެ ވަނަތަކުގެ އަގު ވަނީ ބޮޑު ކޮށްފައި

  • މުޅި މުބާރާތުން އެއްވަނަ އަށް ދާދަރިވަރުންނަށް ޕީއެޗްޑީއަށް ބޭނުން ޤައުމަކުން ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭ

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމުން ރާއްޖޭގެ ހުރިހާކަމެއް ބައްޓަންކުރުމުގައިވެސް އިސްލާމީ ޝިޢާރުތައް ކުރިއަށް ނެރުމަށް ޒަމާނުއްސުރެ ޢިލްމުވެރިން އަންނަނީ އެކަމަށް ބާރުއަޅުއްވަމުންނެވެ.

މިގޮތުންވެސް އެންމެ އިސްކަމެއް ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެ ދެވެމުން އައި އެއްކަމަކީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތްތަކެވެ. މިއީ މީގެ 37 އަހަރު ކުރިން ސަރުކާރުން ކީރިތި ޤުރުއާން ކިޔެވުމަށް ކުޑަކުދިންނާއި އާންމުންގެ މެދުގައި ލޯބި ޖެއްސުމަށް އެޅުއްވި މުހިއްމު ފިޔަވަޅެކެވެ.

ޒަމާންތައް ބަދަލުވީނަމަވެސް މާބޮޑު ބަދަލަކާ ނުލާ މުބާރާތް މެދު ކެނޑުމެއްނެތި އަންނަނީ ބާއްވަމުންނެވެ. މިމުބާރާތަކީ މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ހުރިހާ ޢުމުރަކުންވެސް ޝައުގުވެރިވާ މުބާރާތަކަށް ހެދުމަށް ސަރުކާރުން މިހާރުވަނީ މަސައްކަތް ފައްޓަވާފައެވެ. އެންމެ ބޮޑު ބޭނުމަކީ ކީރިތި ޤުރުއާނަށް ދިވެހީންގެ ހިތްތަކުގައި އޮތް ލޯބި އިތުރުކޮށް ޤުރުއާނު ނޫރުގެ އަލީގައި ޖީލެއް ބިނާކުރުމަށެވެ. ސަރުކާރުން މިކަމުގައި އިސްކަން އެންމެ ބޮޑަށް ދެއްވުމަށް ބާރުއަޅުއްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ.

"ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމަށް، ބާރު އެޅުމަށް، އެދާއިރާއިން ކުރިއަށްދިޔުމަށް ހުރިހާ މަގުތަކެއް ފަހިކުރުމަށް. ދިވެހި ސަރުކާރުން ވަރަށް މަތީ މަޤްސަދެއްގައި މިޤައުމު މިމަގުން ތަރުބިއްޔަތު ކުރުމަށް، މިމަގުން ބައްޓަންކުރުމަށް މަސައްކަތްކުރަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރަށް ކޮށްދެވޭނީ ޤުރުއާނަށް އަހުލުވެރި ބަޔަކަށް ހެދުމަށް މިފަދަ މުބާރާތްތަކުގެ އަގުހުރި މުބާރަތްތަކަށް ހެދުމާއި، ފޯރުކޮށްދޭންޖެހޭ އެހީ ފޯރުކޮށްދިނުން ކަމަށެވެ. ޢަމަލީގޮތުން އެކަމުގައި މަސައްކަތްކުރަންތިބީ ކުޑަކުދިންނާއި އާންމުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާނަށް އާންމުންގެ ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމަށް، މުބާރާތުގެ އިނާމުތަކުގެ އަގު ވަނީ ބޮޑު ތަނުން ބޮޑުކޮށްދެއްވާފައެވެ. އެގޮތުން މުބާރާތުގެ އެކި ގޮފިތަކުން އެއްވަނައަށް އަންނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފައިސާގެ އިނާމު އެއްލައްކަ ރުފިޔާއަށްވަނީ ބޮޑުކުރައްވާފައެވެ. އަދި އެ ފަރާތްތަކަށް ރައީސްގެ ސްކޮލަރޝިޕްގެ ދަށުން، ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމައަށް ބޭނުން ޤައުމަކުން ކިޔެވުމުގެ ފުރުސަތުވަނީ ދެއްވާފައެވެ.

މިކަމަށް ޢިޝާރާތްކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، މިއާއެކު އިންޤިލާބީ ބަދަލެއް ފެނިގެންދާނެކަމަށެވެ. މުސްތަޤުބަލުގައި އެކި ދާއިރާތަކުގައި މަތީ ތަޢުލީމާއެކު މަތީ މަޤާމުތަކުގައި ތިއްބަވާނެ ބޭފުޅުންނަކީ ކީރިތި ޤުރުއާނަށް އަހުލުވެރި ބަޔަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހީއެއް ނުކުރަން ރައީސް އެގޮތަށް ނިންމެވިއިރުވެސް، ބޭނުން ޤައުމަކުން ބޭނުން ރޮނގަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް މިދަރިވަރުންނަށް. އޭގެ މާނައަކީ މާދަމާ ޑޮކްޓަރުކަން ކިޔަވައިގެން އަންނަ ކުއްޖަކީވެސް ޤުރުއާނަށް އަހުލުވެރި ކުއްޖަކަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ ކުއްޖަކަށް ވެގެންދާނޭ." ވަޒީރު ވިދާޅުވިއެވެ.

އިސްލާމި ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ މުބާރާތަށް ވުޒާރާގެ ފަރާތުން ހުށައަޅާ އިނާމުތައްވެސް ބޮޑުކޮށްފައެވެ. އެގޮތުން ފައިސާގެ އިނާމުވަނީ 75،000 ރުފިޔާއަށް އިތުރުކޮށްފައެވެ.

ސަރުކާރުން ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތަށް މިގެނައި ބަދަލުތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި މުބާރާތުގެ ވާދަވެރިކަން އިތުރަށް ބޮޑުވެ ފޯރިގަދަ މުބާރާތަކަށް ވެގެންދާނެއެވެ. ހަމައެއާއެކު ކީރިތި ޤުރުއާނަށް އޮތް ޝައުގުވެރިކަން ކުޑަކުދިންގެ މެދުގައި އިތުރުވެ، އިހުގެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އާދަކާދައެއްކަމުގައިވާ، ދެނަމާދު ދޭތެރޭގައި ކިޔެވުމުގެ އާދަކާދަ އަނބުރާ އައުމަކީ ސަރުކާރުން ކުރާ އުއްމީދެކެވެ.