ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ކޮލިފައިންގެ ތިންވަނަ މެޗުންވެސް ސްޕެއިން މޮޅުވެއްޖެއެވެ.
އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ކޮލިފައިންގެ ޔޫރަޕްގެ ގްރޫޕް އީ ގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު ސްޕެއިން އަށް ވަނީ ކުޅުނު ތިން މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ތުރުކިޔޭ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ޖޯޖިއާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ސްޕެއިންގެ އެލްޗޭ ގައި ކުޅުނު މި މެޗުގެ 24 ވަނަ މިނިޓުގައި ސްޕެއިން އަށް ލީޑު ނަގައިދީފައިވަނީ ރޮބިން ލެ ނޯމަންޑްގެ އެސިސްޓަކުން ކްރިސްޓަލް ޕެލަސް އަށް ކުޅެމުންދާ ޔެރެމީ ޕިނޯ އެވެ.
މި މެޗުގައި ސްޕެއިން އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 64 ވަނަ މިނިޓުގައި މިކޭލް އޮޔަރްޒަބަލް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ސްޕެއިން އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއްވެސް ލިބިފަ އެވެ. އެގޮތުން ދެވަނަ ހާފުގައި ޓޮޓްނަމް އަށް ކުޅެމުންދާ ޕެޑްރޯ ޕޯރޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައިވަނީ ޖޯޖިއާގެ ގޯލުގެ ދަނޑި އަށެވެ.
މި މެޗުގައި ޖޯޖިއާގެ ކީޕަރު ޖިއޯޖީ މަމަރްދަޝްވިލީ ފެރާން ޓޮރޭޒް އަށް ކުރި ފައުލަކާއި ގުޅިގެން ސްޕެއިން އަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް ބާސެލޯނާގެ ފޯވަޑް ފެރާން ޓޮރޭޒް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.
ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ސްޕެއިން ނިކުންނާނީ ގްރޫޕުގެ ފުލުގައި އަދި ޕޮއިންޓެއް ނުލިބި އޮތް ބަލްގޭރިޔާ އާއި ދެކޮޅަށެވެ.