ޚަބަރު

އިންޑޮނޭޝިއާ ބަލިކޮށް އިރާގުން ވޯލްޑް ކަޕުގެ ފުރުސަތު ބޮޑުކޮށްފި


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާާރާތަށް ކޮލިފައިވުމުގެ ފުރުސަތު އިރާގުން ބޮޑުކޮށްފިއެވެ.

ސައުދި އަރަބިއްޔާގެ ޖިއްދާގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިރާގަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 14 މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒިދާން އިގްބާލް އެވެ.

މި މެޗުން އިރާގު މޮޅުވުމާއިއެކު 1986 ވަނަ އަހަރަށްފަހު ވޯލްޑްކަޕަށް އެ ގައުމު ކޮލިފައިވުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. އެގޮތުން އަންނަ އަންގާރަ ދުވަހު ސައުދި އަރަބިއްޔާ އާއި ދެކޮޅަށް ސައުދީގައި ކުޅޭ މެޗުން މޮޅުވާ ޓީމަކަށް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި އެ މެޗުން ބަލިވާ ޓީމަކަށް ޖެހޭނީ ޕްރެލިމިނަރީ އިތުރު މެޗުތަކެއް ކުޅުމަށެވެ.

ނެދަލޭންޑްސްގެ ޕެޓްރިކް ކްލައިވަޓްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިންޑޮނޭޝިޔާ މި މެޗުން ބަލިވުމާއިއެކު އެ ޓީމުން ވޯލްޑްކަޕަށް ކޮލިފައިވުމަށް ދެކެމުން އައި ހުވަފެން ވަނީ ނިމުމަކަށް އައިސްފަ އެވެ.

މި މެޗުގެ ރެފްރީ ކަންކުރި ޗައިނާގެ މާ ނިންގެ ނިންމުންތަކާއިމެދު ހިތްހަމަ ނުޖެހިގެން އިންޑޮނޭޝިޔާގެ ސަޕޯޓަރުން ވަނީ ދަނޑަށް ފެންފުޅި ފަދަ ތަކެތި އުކާފަ އެވެ.

އަދި މެޗުގެ ފަހު ވަގުތު ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ޒައިދު ތަހްސީން އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް އޭޝިޔާ އިން މިހާތަނަށް ކޮލިފައިވެފައިވާ ގައުމުތަކަކީ ޖަޕާން, ސައުތު ކޮރެއާ, އޮސްޓްރޭލިއާ, އިރާންގެ އިތުރުން އުޒްބެކިސްތާނާއި ޖޯޑަން އެވެ.