ކުޅިވަރު

ރާއްޖެ މެޗަށް ތަޖިކިސްތާން ޓީމު މާލޭގައި


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅެންޖެހޭ މެޗަށް ތަޖިކިސްތާނުގެ ޓީމު މާލެ އައިސް، ފަރިތަކުރަން ފަށައިފިއެވެ.

މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހެވެ.

މި ދެ ޓީމު ކޮލިފައިންގައި މި މަހުގެ ނުވަ ވަނަ ދުވަހު ވެސް ބައްދަލުކޮށްފަ އެވެ. ތަޖިކިސްތާނުގެ ހިސާރު ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 2-1އިންނެވެ.

މާދަމާގެ މެޗަށް ރާއްޖެ އައުމަށްފަހު ތަޖިކިސްތާނުގެ ޓީމު ފަރިތަކުރީ މާފަންނު ޓާފް ދަނޑުގަ އެވެ. ޓީމު މާލެ އައީ 23 ކުޅުންތެރިންނާއެކުގަ އެވެ. އެއީ ތިން ގޯލް ކީޕަރުންނާއި ނުވަ ޑިފެންޑަރުންނާއި އަށް މިޑްފީލްޑަރުންނާއި ތިން ފޯވަޑުންނެވެ.

މި މެޗަށް ނުކުންނައިރު ރާއްޖެ އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގަ އެވެ. އެއްވަނާގައިވަނީ ޖުމުލަ ހަތް ޕޮއިންޓް ލިބިގެން ތަޖިކިސްތާނެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އީސްޓީމޯރާއި ފިލިޕީންސެވެ.

ތަޖިކިސްތާނު މެޗަށް ތައްޔާރުވުމަށާއި ގައުމީ ޓީމަށް ތަރުހީބު އިތުރު ކުރުމަށް އެފްއޭއެމުން ވަނީ މަސައްކަތް ފަށައިފަ އެވެ. މި ގޮތުން އިއްޔެ ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ. މި ހަރަކާތުގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.