ރާއްޖޭގެ ތަޢުލީމީ ނިޒާމު މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤުވާމީގޮތުން ވާދަވެރި ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި ކުރިއަށްދާ އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް ސެމިނަރ ފައްޓަވާދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއާއި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް ގުޅިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިސެމިނަރ ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފެވެ. ސެމިނަރ ފައްޓަވާދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސްވަނީ އިސްލާމީ ދުނިޔޭގައި ޢިލްމު ފެތުރުއްވުމުގައި އައިއައިއައިޓީއާއި އައިއައިޔޫއެމުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އިސްލާމީ އަސާސްތަކުގެ މަތީގައި މުޖުތަމަޢުތައް ބައްޓަންކޮށްދެއްވުމަށް އެޖަމްޢިއްޔާތަކުން މަސައްކަތް ކުރައްވަމުންދާއިރު ރާއްޖެއިން މިދާއިރާގައި ހޯދަމުންދާ ކުރިއެރުމުގެ މައްޗަށް ނައިބު ރައީސްވަނީ އަލިއަޅުއްވާލައްވާފައެވެ.
ނައިބު ރައީސް ވިދާޅުވީ، ރާއްޖެއިން މިހާރު އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤުވާމީގޮތުން ވާދަވެރިގޮތެއްގައި ތަޢުލީމު ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އިސްލާމީ ޤައުމުތަކުގައި މީހުން ބިނާކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭންޖެހެނީ އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
"އައިއައިޔޫއެމްއާއި އައިއައިއައިޓީ އަދި އައިޔޫއެމް ގުޅިގެން މިބާއްވާ ސެމިނަރއަކީ އިސްލާމީ ޢިލްމުގެ އަލީގައި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް. ތަޢުލީމުގެ އަލީގައި އިންސާނީ ވަޞީލަތް ބިނާކުރުމަށް ސަރުކާރުން އިސްކަންދޭ. ބަދަލުވަމުންދާ ދުނިޔޭގައި އިސްލާމީ ޢިލްމުގެ މަތީގައި މީހުން ބިނާކުރުމަކީ ނުހަނު މުހިންމުކަމެއް." ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓ އޮފް މެލޭޝިއާގެ ރެކްޓަރ އެމެރިޓަސް ޕްރޮފެސަރ ދާތޯ ޑރ.ޢުޘްމާން ބިން ބަކާރު ވިދާޅުވީ ލީޑަރުންގެ ގޮތުގައި ކުރިއަށްދާނީ އަބަދުވެސް ޢިލްމުގެ އަހުލުވެރިންކަމަށެވެ. އެހެންކަމުން ލީޑަރޝިޕްގައި ކުރިއަރައިދާން ބޭނުންވާ ފަރާތްތަކުން ތަޢުޙީދުގެ މަތީގައި ޤާއިމުވެފައިވާ ޢިލްމެއް ހޯދުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޑރ. ޢުމަރު ޙަސަން ކަސޫލޭ ވިދާޅުވީ، ކޮންމެ މުޖުތަމަޢެއްގެވެސް ކުރިއެރުން ގުޅިފައިވަނީ ޢިލްމާއިކަމަށެވެ. އަދި ޢިލްމު ލިބިފައިވީނަމަވެސް އޭގެ ބޭނުން ނުކުރާނަމަ ޢިލްމުގެ ބާރެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޔޫރަޕްގައި މިއަދު ފެންނަ ތަރައްޤީގެ އަސްލަކީ އިސްލާމީ އެކި ޙަޟާރާތްތަކުން ދަސްކުރި ޢިލްމު، އެއީ ސައިންސާއި އިންޑަސްޓްރިއަލައިޒޭޝަން ނުވަތަ ކޮމިއުނިކޭޝަން ކަމުގައިވީނަމަވެސް. އެމީހުން ޢިލްމު ހޯދާ އެއަށް ޢަމަލުކުރަމުންދިޔުމުގެ ނަތީޖާ މިއަދު ޔޫރަޕް އެހާ ކުރިއަރާފައިވުމުގެ ސިއްރަކީ. އިސްލާމީ އުއްމަތުން އެބަޖެހޭ އަހަރެމެންނަށް ލިބިފައިވާ ޢިލްމުގެ ބޭނުންކުރާ މުޖުތަމަޢުތަކެއް ބިނާކުރަން." އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިސެމިނަރގައި އިސްލާމްދީނުގެ އަސާސްތަކުގެ އަލީގައި، އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިންނާއި، މީހުން ބިނާކުރުމުގެ ދާއިރާއިން މުހިންމު އެކި މަޢުޟޫޢުތަކަށް ފަންނީ ބޭފުޅުންގެ ގިނަ ވޯކްޝޮޕްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިވޯކްޝޮޕްގެ ސަބަބުން ރާއްޖޭގެ މުޖްތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ބައިވެރިންތަކެއް ތަމްރީންވެގެންދާނެކަމަށް އައިޔޫއެމުން ފާހަގަކުރައްވައެވެ.