ޚަބަރު

200އަށްވުރެ ގިނަ ބައިވެރިވެރިންނާއެކު ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި


  • މަހާސިންތާ ކުރިއަށްދަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި

  • މިއަހަރުގެ މަހާސިންތާގައި މުދައްރިސުންގެ ބައިވެރިވުން އިތުރުވާނެ

ސްކޫލްތަކުގެ އިސްވެރިން ނުވަތަ ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ ފަށައިފިއެވެ. މިއަހަރުގެ މަހާސިންތާގައި 210 ޕްރިންސިޕަލުންވަނީ ބައިވެރިވެފައެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާލީ ފިލައެއް އަރުވާފައެވެ. މި ފިލާ އެމަނިކުފާނާ ޙަވާލުކޮށްދެއްވީ ތަޢުލީމީ ވުޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.

ޕްރިންސިޕަލުންގެ މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މަހާސިންތާއެކެވެ. އެހެން އަހަރުތަކުގައި ބާއްވާފައިވާ މިފަދަ މަހާސިންތާތަކާ މިއަހަރު ބައްވާ މަހާސިންތާއާ ތަފާތުވާނެކަމަށް ތަޢުލީމީ ވުޒާރާއިން މީގެކުރިން ވަނީ ވިދާޅުވެއެވެ.

އެގޮތުން މިއަހަރުގެ ޕްރިންސިޕަލުންގެ މަހާސިންތާ ބާއްވަނީ މުދައްރިސުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށެވެ. މިފަހަރުގެ މަހާސިންތާގައި މުދައްރިސުން ތަމްރީންކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް މިދާއިރާއަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

މީގެ ކުރިން ޕްރިންސިޕަލުންގެ ކޮންފަރެންސް ބާއްވާފައިވަނީ އެހާ ބޮޑަށް މުދައްރިސުންގެ ބައިވެރިވުމަކާ އެކު ނޫންކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން އޭރު މި މަހާސިންތާއަކީ ޕޮލިސީ ކަރުދާސްތައް ފޮނުވައިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޕްރިންސިޕަލުންނާއި މުދައްރުސުންނާ މަޝްވަރާކޮށް އެމީހުންގެ ރެކަމަންޑޭޝަންތައް ހިފައިގެން އަންނަ ގޮތަކަށް ބާއްވަމުން އައި ކޮންފަރެންސެއް ނޫންކަމަށް ތައުލީމީ ވުޒާރާއިން މީގެކުރިން ވަދާޅުވެފައެވެ.

ޕްރިންސިޕަލުންގެ ކޮންފަރެންސް ތަފާތުވާނެކަން ފާހަގަކޮށް ސީދާ މުދައްރިސުންގެ ލެވަލްގައި މަޝްވަރާކޮށްގެން ހަޤީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެކަން ތައުލީމީ ވުޒާރާއިން ވިދާޅުވެއެވެ.