ކުޅިވަރު

"ފޯރީގައި ދަނޑަށް" - ގައުމީ ޓީމާއެކު މިއަދު ކުޑަކުދިންގެ ހަވީރެއް


"ފޯރީގައި ދަނޑަށް" ނަމުގައި ބާއްވާ ކުޑަކުދިންގެ ހަވީރެއް މިއަދު އޮންނާނެއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކުރާ މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަވީރު 04:00 އިން އިރުއޮއްސި 06:00 އަށެވެ.

މި ހަރަކާތުގެ ބޭނުމަކީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިމަހުގެ 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުތުމުގެ ކުރިން ދިވެހި ގައުމީ ޓީމާއެކު ދިވެހިން ތިބިކަން އަންގައިދީ، ޓީމުގެ ކުޅުންތެރިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ކުޑަކުދިންނަށް ހޯދައިދިނުމެވެ.

"ފޯރީގައި ދަނޑަށް" ނަމުގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ރޮބޮމޭން އާއި ސައިފްގެ އިތުރުން މަގްބޫލު ބޮޑުބެރު ގްރޫޕް ބިދަބިންގެ ހަރަކާތްތައް ފެނިގެންދާނެއެވެ. އޭގެ އިތުރުން ރާއްޖެ އަދި ތަޖިކިސްތާނު މެޗުގެ ޓިކެޓް ވިއްކުންވެސް އެސަރަހައްދުން އެވަގުތު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މިހަރަކާތުގެ ތެރެއިން ގައުމީ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތުވެސް ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަދި ތަޖިކިސްތާނު ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ ގޮނޑިބަރި ޓިކެޓް 100 ރުފިޔާއަށް އަދި ސިޑިބަރީ ޓިކެޓް 50 ރުފިޔާއަށްކަމަށް އެފްއޭއެމްއިން މައުލޫމާތުދީފައިވެއެވެ.

"ފޯރީގައި ދަނޑަށް" މިހަރަކާތުގައި ވީހާވެސް ގިނަ އަދަދެއްގެ ކުޑަ ކުދިން ބައިވެރިވެ މިފުރުސަތުގެ ބޭނުން ހިފުމަށް އެފްއޭއެމްއިން އެދިފަވެއެވެ.