ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަކުލު ހުޅުގެ ސަރޖަރީ ހަދަން ފަށައިފި


  • ސަރޖަރީ ކުރިއަށްގެންދިޔައީ ކެމެރާ ބޭނުންކޮށްގެން

  • މިއާއެކު ރިކަވަރީ އަވަސްވާނެކަމަށް ހޮސްޕިޓަލުން ވިދާޅުވޭ

ހުޅުމާލޭ ހޮސްޕިޓަލުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެނެ ފުރަތަމަ ފަހަރަށް ކަކުލުހުޅުގެ ސަރޖަރީ ހަދަން ފަށައިފިއެވެ.

ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް ސިއްޙީ ދާއިރާއިންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތާއެކު މާލެ ސަރަޙައްދުގެ ބޮޑެތި ހޮސްޕިޓަލުތަކުން ލިބޭ ފަރުވާގެ ފެންވަރު މަތިކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަކުލު ހުޅުގެ ސަރޖަރީ ހަދަން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް އެހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ވަނީ އާތްރޮސްކޯޕިކް (ކީހޯލް) ނީ ސަރޖަރީއެއް ނުވަތަ ކުޑަ ކެމެރާއެއް ލައްވައިގެން ކަކުލު ހުޅަށް ދިމާވެފައިވާ މައްސަލަ ބެލުމަށްފަހު ފަރުވާ ދިނުމަށް ޚާއްސަ ސަރޖަރީއެއް ހަދާފައެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ކަކުލު ހުޅުގެ ސަރޖަރީއަށް ބޭނުންކުރި އައު ޓެކްނޮލޮޖީއާއެކު ބަލި މީހުންނަށް ސަރޖަރީއަށްފަހު އަވަސް ރިކަވަރީއެއް ލިބިގެންދާނެކަމަށެވެ. އަދި ކަކުލު ހުޅުގެ ލިގަމެންޓަކަށް އަނިޔާވެ އެކަމަށްޓަކައި ފަރުވާދިނުމަށް ކުރެވުނު އާތްރޮސްކޯޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސަރޖަރީއާއެކު ހުޅުމާލޭ ހޮސްޕިޓަލްގައި ކަކުލު ހުޅުގެ ސަރޖަރީގެ ޚިދުމަތް ފެށިގެން ގޮސްފައިވާކަންވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.

އިތުރުވަމުންދާ އާބާދީއެއް އޮންނަ ހުޅުމާލޭގައި ހުންނަ ހުޅުމާލެ ހޮސްޕިޓަލުގެ ކެޕޭސިޓީ އިތުރުކޮށް، އިތުރު ޚިދުމަތްތައް ޤާއިމުކޮށް، ޒަމާނީ ވަޞީލަތްތައް ފަރުވާގައި ބޭނުންކުރަން ފެށުމުގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންގެ ފެންވަރު މަތިކުރުމަށްވެސް ހޮސްޕިޓަލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެއިތުރުން ޚިދުމަތް ފުޅާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަސްކަމުގައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެހޮސްޕިޓަލަށް އިތުރު 10 ބުރީގެ ޢިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެޢިމާރާތް އައުމުގެ ކުރިން މިވަގުތަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ހޮސްޕިޓަލްގެ އީއާރަށް އިތުރު 14 އެނދުވަނީ އިތުރުކޮށްފައެވެ. ހަމައެއާއެކު އެހޮސްޕިޓަލުގައި ދެމުންދާ ޑަޔަލިސިސްގެ ޚިދުމަތް ފުޅާކުރުމަށް މިއަހަރުގެ ތެރޭގައި ވަނީ އިތުރު 30 އެނދު ޑަޔަލިސިސް ސެންޓަރަށް އިތުރުކޮށްފައެވެ. މީގެއިތުރުން އެހޮސްޕިޓަލުން ވަނީ ދާދިފަހުން މެޑިކަލް އިންޓަރންޝިޕްގެ ޕްރޮގްރާމް ހިންގުމުގެ ހުއްދައާއެކު އެޚިދުމަތްވެސް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ފައްޓަވާފައެވެ.