ޚަބަރު

ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކާމިޔާބުވާން އޮތީ ގަވާއިދުން ފައިސާދެއްކުމުން: ބީއެމްއެލް ސީއީއޯ


  • ލޯންތަކަށް އަނބުރާ ފައިސާ ދެއްކުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެއްވި

  • މާލީ ޒިންމާ އަދާނުކޮށްފިނަމަ، މުޅި ސްކީމަށް ދަތިތަކާ ކުރިމަތިވާނެ

ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކާމިޔާބުކަމާއި ދެމެހެއްޓެނިވިކަން ބިނާވެގެންދާނީ ޒިންމާދާރުކަމާއެކީ އަނބުރާ ފައިސާ ދެއްކުމުގެ މައްޗަށްކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

‏ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިނޭންސް ލިބޭ ކަމުގެ ލިޔުން ހަވާލުކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވަނީ މި ސްކީމުން ފައިނޭންސް ހޯދަމުންދާ ފަރާތްތައް ސަމާލުކަން ދޭންވީ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ޝަރީފް ވިދާޅުވީ ހިޔާވެހި ފައިނޭންސް ސްކީމަކީ ހިލޭ އެހީގެ ސްކީމެއް ނޫންކަމަށާއި، ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ ފައިނޭންސިން އަނބުރާ ދެއްކުމުގެ ޒިންމާ ގަވާއިދުން އަދި ވަގުތަށް އަދާކުރުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ހިޔާވެހި ސްކީމާއި، މުސްތަގްބަލުގައި ހިންގާ މިފަދަ އެހެން ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ކާމިޔާބުކަމާއި ދެމެހެއްޓެނިވިކަން ބިނާވެގެންދާނީ ޒިންމާދާރުކަމާއެކީ އަނބުރާ ފައިސާ ދެއްކުމުގެ ސަގާފަތުގެ މައްޗަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިފަދަ މުހިންމު ސްކީމްތަކުން ފައިސާ ލިބޭ ފަރާތްތަކުން އެމީހުންގެ މާލީ ޒިންމާ އަދާނުކޮށްފިނަމަ، މުޅި ސްކީމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި ފައިސާދެއްކުމުގެ ޕަރފޯމަންސް ދަށްވެއްޖެނަމަ މުސްތަގުބަލުގައި މިފަދަ ސްކީމްތައް ކުޑަރޭޓްތަކުގައި ލުއި ޝަރުތުތަކާއި އެކު ނުހިންގި ހިނގައިދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ކަސްޓަމަރުންނަށް ބޭންކުން ދޫކުރެވޭ ފައިނޭންސަށް ބަރާބަރަށް ފައިސާ ދެއްކުމުން، މިފަދަ އިތުރު މަޝްރޫއުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެހީތެރިވުމުގެ ފުރުސަތު ބޭންކަށް ފަހިވޭ. އަނބުރާ ފައިސާ ދެއްކުމަކީ ހަމައެކަނި އެއްބަސްވުމެއްގެ ދަށުން އޮތް ޒިންމާއެއް ނޫން. އެއީ ހުރިހާ ދިވެހިންނަށް އަތްފޯރާފަށުގެ ފައިނޭންސިންގ ލިބިދިނުމަށާއި މުސްތަގުބަލުގައިވެސް އެނިޒާމް ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއް." ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަކީ ދިވެހި ރައްޔިތުންގެ ތެރެއިން ގެދޮރު އިމާރާތްކުރުމަށް ލުއި ގޮތެއް ބޭނުންވެފައިވާ ފަރާތްތަކަށް، ބޯހިޔާވަހިކަން ގާއިމްކުރެވޭނެ މަގު ފަހިކޮށްދިނުނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ހިންގާ ފައިނޭންސްސިން ޕްރޮގްރާމެކެވެ. މިއީ %5 ރޭޓުގައި ހިންގާ އިސްލާމިކް ފައިނޭންސިން ޕްރޮގްރާމެކެވެ.

ފައިނޭންސިން އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭނެއެވެ. އެއީ 18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެންނެވެ. އިކުއިޓީގެ ގޮތުގައި ހަމަޖައްސަން ޖެހޭ %20 ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށް ވެސް ހަމަޖެއްސޭނެ އެވެ. "ހިޔާވެހި" ފައިނޭންްސިން ހޯދާ މީހުން އިމާރާތް ކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުމެއް ނުވާނެއެވެ.