ކުޅިވަރު

ސަލާހުގެ ދެ ގޯލުން މިސުރު ވޯލްޑް ކަޕަށް


ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ޖިބޫޓީ ކޮޅަށް ޖަހައިދިން ދެ ގޯލުން މޮޅުވެ، މިސުރު އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

މި މެޗު 3-0އިން ކާމިޔާބުކޮށް މިސުރު ކޮލިފައިމިވީ ކޮލިފައިންގައި ބާކީ އަދި އެއް ބުރު އޮއްވަ އެވެ.
ސަލާހް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް މިސުރު ގޮވައިގެން ދަތުރުކޮށްފަ އެވެ. ނަމަވެސް އެ މުބާރާތުގައި އޭނާ އަށް ރަނގަޅު ކުޅުމެއް ނުކުޅެވުނީ އެ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެނިކޮށް ކޮނޑަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. ނަތީޖާއެއްގެ މިސުރުން އެ މުބާރާތުން ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ.

އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް އެފްރިކާއިން ނުވަ ގައުމެއް އޮޓެމެޓިކުން ކޮލިފައިވާނެ އެވެ. މިސުރަކީ 48 ގައުމު ބައިވެރިކޮށްގެން ކުޅޭ މުބާރާތަށް ކޮލިފައިވި 13 ވަނަ ގައުމެވެ. އެފްރިކާއިން މިހާތަނަށް ކޮލިފައިވެފައިވަނީ މޮރޮކޯ އާއި ޓިއުނީޝިޔާ އެވެ.

މިހާތަނަށް ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ އެހެން ގައުމުތަކަކީ މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލްގެ އިތުރުން ޖަޕާނާއި ނިއުޒީލޭންޑް، އިރާން، އުޒުބެކިސްތާން، ދެކުނު ކޮރެޔާ، ޖޯޑަން، އޮސްޓްރޭލިޔާ، ބްރެޒިލް، އިކުއެޑޯ، އުގުރުއޭ، ކޮލަމްބިއާ އަދި ޕެރަގުއޭ އެވެ.