އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑޫ، ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު މި މަހުގެ 25ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެ ކޮމިޝަނުން މިގޮތަށް ނިންމީ އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތައް ގާއިމުކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ނިންމެވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެއްވެސް ކަމެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވަން ހުށަހަޅުއްވާނަމަ އެކަން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ޤަރާރަކުން ކަނޑައަޅަންވާނެއެވެ. އެއަށްފަހު އިންތިޚާބު ބޭއްވުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް އެ އަތޮޅުގެ ހުޅުދުއާއި މީދުއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ ތިން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅާފައިވާތީއެވެ. އެހެންވެ، އެކަމުގައި އައްޑުއަތޮޅު ހުޅުދޫއާއި، މީދޫއާއި އަދި އެތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހުރި ގޮތެއް ހޯދުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން ތިން ރަށުގެ ރައްޔިތުންގެ މެދުގައި ވޯޓު ނެގުމަށް ސުވާލުތައް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ހުޅުދޫ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ އެ ރަށަށް ޚާއްސަކުރެވިގެން ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ.
މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ހުށަހަޅުއްވާފައިވަނީ މީދުއަށް ޚާއްޞަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ. އަދި ފޭދޫގެ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ ފޭދޫއަށް ޚާއްސަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯއެވެ.
މި ޤަރާރާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމުން މި މަހުގެ 25ވަނަ ދުވަހު އެއިންތިޚާބު ބާއްވަން އެކޮމިޝަނުން ވަނީ ނިންމަވާފައެވެ. އިންތިޚާބު ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00 އަށް ކަމަށާއި 26ވަނަ ދުވަހު ނަތީޖާ އިއުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.