ޚަބަރު

އަންނަ ދިރާސީ އަހަރަށް އަލަށް ކުދިން ސްކޫލަށް ވެއްދުމުގެ މަސައްކަތް ނިމުމަކާ ގާތަށް


  • މިހާރު ކުރަމުން ދަނީ ފައިނަލް ލިސްޓް އެކުލަވާލުމުގެ މަސައްކަތް

  • މީގެ ސަބަބުން ކުރިއާލާ ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީތައް ހަމަކުރެވޭނެ

އަންނަ ދިރާސީ އަހަރަށް އަލަށް ސްކޫލަށް ކުދިން ވެއްދުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ފައިނަލް ލިސްޓް އެކުލަވާލުމުގެ މަސައްކަތްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތައުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ކުރަންޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް މިހާރުން ފެށިގެންވެސް ކުރިއަށްދާކަމަށެވެ. މީގެ ތެރެއިން މިހާރު ކުރަމުން އަންނަ އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ އަލަށް ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމުގެ މަސައްކަތެވެ. ވަޒީރު ވިދާޅުވީ މީގެ ކުރިން ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ކޮށްފައިވަނީ ސްކޫލް ބަންދު ދުވަސްވަރުކަމަށާއި އޭގެ ސަބަބުން އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. ޚާއްސަކޮށް ދަރިވަރުންގެ ފޮތްތައް ހަމަކުރުމާއި ސްޓޭޝަނަރީތައް ހަމަ ނުވުން ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މިދިޔަ އަހަރުން ފެށިގެން ދުރާލާ ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ނިންމުމާއެކު ބޮޑެތި ލުއިތަކެއް ލިބުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު މިއަހަރުވެސް މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކަށް އައު އަހަރަށް ކުދިން ވެއްދުމުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި މިހާރު ކުރިއަށްދަނީ ފައިނަލް ލިސްޓް އެކުލަވާލުމުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެހެންވީމާ ކުރިއާލާ އިނގޭނެ ކިހާ ފޮތެއްކަން ބެނުންވާނީ. ކިހާ ސްޓޭޝަނަރީއެއްކަން ބޭނުންވާނީ. ކުރިން މި މަސައްކަތް ކޮށްފައި ހުރީ ސްކޫލްތައް ބަންދުވުމުން. އެހެންވީމަ އުނދަގޫތަކެއް ހުރި. އަލަށް ސްކޫލްއަށް ވަންނަ ދަރިވަރުންގެ ފައިނަލް ލިސްޓް 10 ދުވަހެއްހާ ތެރޭގައި ނިމޭނެ." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

އައު ދިރާސީ އަހަރެއް ފަށާއިރު މުދައްރިސުންވެސް ހޯދަން ޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކޮންމެ އަހަރަކުންވެސް 250 އާއި 300 އާ ދެމެދުގެ އަދަދަކަށް މުދައްރިސުން ހޯދަން ޖެހޭކަމަށެވެ. އަދި އަންނަ އަހަރަށްވެސް ކޮންމެވެސް ވަރަކަށް މުދައްރިސުން ބޭނުންވާނެކަން ވަޒީރު ވިދާޅުވިއެވެ.

ޚާއްސަ ޙާލަތެއް ނެތި ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ވަކި މުއްދަތެއް ދިނުމަށްވެސް ތަޢުލީމީ ވުޒަރާއިން ވަނީ ނިންމާފައެވެ. އަދި އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކަލަންޑަރުގައި ވަނީ އަލަށް ދަރިވަރުން ސްކޫލަށް ވެއްދުމުގައި ވެސް ވަކި މުއްދަތެއް ކަނޑައަޅާފައެވެ. ތައުލީމީ ވުޒާރާއިން މިހާރު އާންމުކޮށްފައިވާ އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ވާގޮތުގެ އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 12 ޖުލައިން 31 އޯގަސްޓްއާ ހަމައަށެވެ. އަދި އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރެވޭނެ ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި ހިމަނާފައިވަނީ މެއިމަހުގެ 17 އިން ޖޫން 15 ހަމައަށެވެ. އަދި ދެވަނަ މަރުހަލާއެއްގެ ގޮތުގައި ހިމާނާފައިވަނީ 18 އޮކްޓޫބަރުން 17 ނޮވްމެބަރާއި ދެމެދުގެ މުއްދަތެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ގްރޭޑް 1އަށް އަލަށް 5700އަށްވުރެ ގިނަ ދަރިވަރުން ވައްދާފައިވެއެވެ. އަދި މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އެކަނިވެސް 2000އެއްހާ ދަރިވަރުންނަށް ފުރުޞަތު ދީފައިވެއެވެ.