ޚަބަރު

ކުނބުރުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފަށައިފި


  • މި މަޝްރޫޢުއަށް 8.17 މިލިޔަން ރުފިޔާ ޚަރަދުވޭ

  • އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 300 ދުވަސްތެރޭ ނިންމަން

އދ. ކުނބުރުދޫ ޞިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިފިއެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށައްވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި މާލީ ވަޒީރު މޫސާ ޒަމީރުއެވެ.

މި މަޝްރޫޢޫގެ ދަށުން އަލަށް އިތުރުކުރެވޭ އިމާރާތާއި، ގަރާޖަކާއި ވަށައިފާރު ރޭނުމުގެ މަސައްކަތް ހިމެނެއެވެ. މިއީ8.17 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

630 މީހުންގެ އާބާދީއެއް އޮންނަ ކުނބުރުދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ނިމުމާއެކ،ު އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް އިތުރަށް ތަރައްޤީވެގެން ދާނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވ،ެ އިޖުތިމާޢީ ގޮތުން ރަށަށް ކުރިއެރުންތަކެއް އަންނާނެއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއޙީ ނިޒާމް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމާއި، އައު ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާނެ ވަސީލަތްތައް ހޯދުން ހިމެނެއެވެ.

ސިއްޙީ ދާއިރާއަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ދާއިރާއެވެ.