ނޭޕާލަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން، އެތައް ބަޔަކު މަރުވެ ލިބުނު ގެއްލުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމްދަރުދީ ފާޅުކޮށްފިއެވެ.
ސޯޝަލް މީޑީއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ނޭޕާލްގައި ފެންބޮޑުވެ، ބިންގަނޑުކަނޑައިގެން ދިއުމާ ގުޅިގެން އެތައް ބަޔަކު މަރުވެ، އެޤައުމަށް ލިބުނު ގެއްލުންތަކުގެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމަޔާއެކުކަމަށެވެ.
އަދި މި ދަތި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުން ތިބީ ނޭޕާލްގެ ރައްޔިތުންނާއެކު ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Deeply saddened to learn of the loss of lives and devastation caused by the floods and landslides in #Nepal. The government and the people of the #Maldives stand in solidarity with the people of Nepal during this difficult time. Our thoughts and prayers are with all those…
— Dr Mohamed Muizzu (@MMuizzu) October 7, 2025
ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭވެހި، އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން، މަރުވި މީހުންގެ އަދަދުވަނީ 60އަށް އަރާފައެވެ.
ނޭޕާލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ، ނޭޕާލުގެ އިރުމަތީގެ، އިންޑިއާއާ ގުޅޭ ބޯޑަރު ސަރަޙައްދުގައި ބިންގަނޑު ކަނޑައިގެން ގޮސް، 30 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.
އަދި އެކި ހިސާބުތަކުގައި ފެންބޮޑުވެގެން، މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، ހޮނުއަޅައިގެން ތިން މީހުން މަރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ނޭޕާލުގެ ކާރިސާތަކާބެހޭ އިދާރާގެ ތަރުޖަމާނަކު ވިދާޅުވީ، މި ހާދިސާގައި މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން، ގިނަ ހައިވޭތަކާއި މަގުތައް ވެސް އެއްގަމު އުޅަނދަށް ދުއްވަން ދަތިވެ، ދަތުރުފަތުރަށް ވެސް ބުރޫއެރިއެވެ.