އދ. އޮމަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އަރިއަތޮޅު ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގަންނަވާފައެވެ. އޭގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި އޮމަދޫ ކައުންސިލުގެ މެމްބަރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިމަޝްރޫޢަކީ ސަރުކާރުގެ ފަރާތުން އެމްއޭސީއެލްއާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމްއެއް ގާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މީގެ އިތުރުންވެސް ރަށްރަށަށް ބޭނުންވާނެ ކުޅިވަރުގެ އެކިއެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރައްވަމުންނެވެ. އޭގެ ތެރޭގައި ދަނޑުތަކާއި، ކޯޓުތަކުގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސްވިމިންގ ޓްރެކްތަކުގެ މަސައްކަތް ހިމެނެއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން އޮމަދޫގައިވަނީ އެފްއާރްސީގެ އިތުރުން ވޮލީކޯޓުގެ މަޝްރޫއު ފައްޓަވާދެއްވާފައެވެ.