ޚަބަރު

އދ. އޮމަދޫ ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި


  • މިމަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައި

އަރިއަތޮޅު ދެކުނުބުރީ އޮމަދޫގައި ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މިއިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް، އެމްޓީސީސީއާއެވެ.

އޮމަދޫގައި ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ. ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި، އެމްޓީސީސީ މެނޭޖިން ޑިރެކްޓަރާއި، ދާއިރާގެ މެންބަރާއި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 2000 އަކަފޫޓުގެ ފުލުހުންގެ މަރުކަޒަކަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 2.2 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމިފައިވާއިރު، މިހާރު ކުރަމުންދާ މަސައްކަތަކީ ފުލުހުންނަށް މަސައްކަތްކުރެވޭނެ ފަހި މާޙަޢުލެއް ޤާއިމުކުރުމަށް، އެކަމަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު ޢަމާޒެކެވެ.