އދ. އޮމަދޫގެ ސިއްޙީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޮމަދުއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
ބިންގާ އަޅުއްވައިދެއްވާ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ދާއިރަގެ މެންބަރު އަދި ކައުންސިލް މެންބަރުން ބައިވެރިވިއެވެ.
މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފަވަނީ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
މި މަޝްރޫޢުގެދަށުން 16 އެނދުގެ ކެޕޭސިޓީގެ އިމާރާތެއް ތަރައްޤީކުރާނެއެވެ. އަދި މި އިމާރާތުގައި ޓްރައިއޭޖް ސަރަޙައްދަކާއި، އައިސޮލޭޝަން ކޮޓަރިއަކާއި އަންހެނުންގެ ވޯޑަކާއި ކުޑަކުދިންގެ ވޯޑަކާއި ވިއްސާ ކޮޓަރިއަކާއި ޕްރައިވެޓް ކޮޓަރި އަދި ފަރުވާދޭ ކޮޓަރިތައް އިމާރާތް ކުރާނެއެވެ. މިއީ 27.2 މިލިއަން ރުފިޔާއަށް، 1 އަހަރުން މަސައްކަތް ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފަވާ މަސައްކަތެކެވެ.
އޮމަދޫއަކީ އާބާދީގައި 1200އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. އައު އިމާރާތާއެކު ރަށުގައި ތިބެގެން ލިބޭ ސިއްޙީ ފަރުވާގެ ޚިދުމަތްތައް އިތުރުކުރެވި، ފެންވަރު ރަނގަޅުވެގެންދާނެއެވެ.