ޚަބަރު

ކުޅިވަރުގައި ކުދިން ވާދަވެރި ހަރުފަތަކަށް ގެނެވޭނެ ގޮތްތައް އެބަ ދިރާސާކުރަން: ވަޒީރު ރާފިޢު


ކުޅިވަރުގެ ދާއިރާއިން ކުދިން ވާދަވެރި ހަރުފަތަކަށް ގެނެވޭނެ ގޮތްތައް ދަނީ ދިރާސާކުރެވެމުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު އަރިއަތޮޅު ދެކުނުބުރީގެ ދިހަ ރަށަކަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން ހަންޏާމީދޫގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ޒިޔާރަތަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ރައްޔިތުންގެ އަޑުއައްސަވާ އެފަރާތްތަކުގެ ޝުޢޫރާއި ޚިޔާލު ހޯއްދެއްވުމަށް ކުރިއަށްގެންދަވާ ދަތުރުފުޅެއްކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރާކަމަށާއި، އެހެންކަމުން ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ހަލުވިކަމާއިއެކު ކުރިއަށްދާ މަޝްރޫއެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ކުރީގަވެސް އަޅުގަނޑު ދެންނެވި ފަދައިން ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަންވެގެން ދިއުން. އެއީ ސަސްޓެއިނަބްލް ގޮތަކަށް އެކަންކުރެވޭނީ އަޅުގަނޑުމެންނަށް އެބީދައިން ގެންގޮސްގެންކަމަށްވާތީވެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށެވެ. އެގޮތުން ކަސްރަތުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ކުޅިވަރުތައް ކުޅެވޭނެ މަގުތައް ފަހިކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށް ވަޒީރު ހާމަކުރެއްވިއެވެ. ކުޅިވަރާއި ގުޅުންހުރި ޓެކްނިކަލް މީހުން ތަމްރީނުކުރުމަށް ހިންގާ ކޯސްތައްވެސް އަތޮޅުތެރޭގައި ކުރިއަށްދާކަމަށާއި އަތޮޅުތެރެއަށް ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ކުޅިވަރުގައި ކުދިން ވާދަވެރި ހަރުފަތަކަށްގެނެވޭނެ ގޮތްތައް ދިރާސާކުރެވެމުންދާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"ހަމައެގޮތުން ކުޅިވަރުގެ ރޮނގުން ޒުވާނުންނާއި އަދި ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުންވާނެ ވަސީލަތްތަކާއި އަދި އެކަންކަން ކުރަން ބޭނުންވާނެ ޓްރެއިނިންގތަކާއި އަދި އޭގެ އިތުރުން އެކިއެކި ރޮނގުރޮނގުން ކުދިން ކޮމްޕެޓެޓިވް ލެވެލްއަށް ގެންނާނެ ގޮތްވެސް މިދަތުރުތަކުގައި އަޅުގަނޑުމެން ދެނެގަންނަމުން މިއަންނަނީ" ވަޒީރު ވިދާޅުވެފަވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ޤާއިމުކުރުމުގެ މަޝްރޫޢުފެށިގެން ކުރިއަށްދާއިރު، އެއީ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކުރުމަށް ބާރަކަށްވެގެންދާނެ ވަސީލަތެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިމަޝްރޫޢު ދެ އަހަރު ދުވަހުން ނިންމުމަށް އަމާޒު ހިފާފަވާއިރު ކުރިއަށް އޮތް ދުވަސްތަކަކީ ދިވެހިންނަށް ދުޅަހެޔޮ ހަށިހެޔޮ ދުވަސްތަކަކަށްވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭގެ ތެރެއިން ރައީސްގެ ރިޔާސީ ވައުދެއް ކަމަށްވާ އެއްކަމަކީ ކުޅިވަރުގެ އަދި ހާއްސަކޮށް ރެކްރިއޭޝަނަލް އެކްޓިވިޓީސް، ފިޓްނެސް އެންޑް ރެކްރިއޭޝަނަލް ސެންޓަރ ދެ އަހަރުދުވަހުން ކޮންމެ ރަށެއްގައި ގާއިމުކުރުން. އަދި ހަމައެއާއިއެކު އައުޓްޑޯ ޖިމް ގާއިމުކުރުން. މީގެ ބޭނުމަކީ ހަމަ ރަށްތަކުގައި ކޮމިއުނިޓީ އެންގޭޖްވެ ކުޅިވަރުތައް ކުރިއަށް ގެންދިއުން. އެހެންވީމަ އެގޮތުގެ މަތިން ހުރިހާ ރަށެއްގައި މިހާރު މިދަނީ އިރާދަކުރެއްވިއްޔާ އެ ފެސިލިޓީސް ގާއިމުކުރެވެމުން. އެހެންވީމަ އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށް އޮތް ދުވަސްތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ހަމަ ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއް ލިއްބައިދޭނެ ވަސީލަތްތަކެއް ގާއިމުވެގެންދާނެ ދުވަސްތަކެއް" ވަޒީރު ވިދާޅުވެފަވެއެވެ.