އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134 މިލިޔަން ރުފިޔާ އެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. އެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބަޖެޓާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށައަޅަންޖެހޭ ބަޖެޓެކެވެ. އެގޮތުން އެ އޮފީހުގެ ޚަރަދުތައް ތަފްސީލުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބަޖެޓު މަޖިލިހުން ފާސްކުރުމުން، އެ އަދަދު މާލީ ވުޒާރާއިން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާނެއެވެ.
އަންނަ އަހަރަށް ލަފާކޮށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ 2026ވަނަ އަހަރަށް 134 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވާފައެވެ. މިއީ މިހާރު ހިނގަމުންދާ އަހަރުގެ ބަޖެޓަށްވުރެ 20 މިލިޔަން ރުފިޔާގެ އިތުރު ޢަދަދެކެވެ. އެ އޮފީހުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވި ބަޖެޓުގައިވާގޮތުން އަންނަ އަހަރު ރިކަރަންޓު ޚަރަދުގެ ގޮތުގައި 89 މިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3 މިލިޔަން ރުފިޔާ ހިމެނޭހެން ޖުމްލަ 92 މިލިޔަން ރުފިޔާ ހޭދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އޮޑިޓް އޮފީހުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ މިއަހަރުގެ ބަޖެޓަށްވުރެ ބޮޑު ބަޖެޓެކެވެ. އެގޮތަށް ހުށަހެޅުއްވީ އެކި ޑިޕާޓްމަންޓުތަކަށް ސީނިއަރ އޮޑިޓަރުން ނަގަންޖެހޭތީ ކަމަށާއި، މިހާރުވެސް 22 ޑިޕާޓްމަންޓެއްގެ ތެރެއިން ހަތް ޔުނިޓުގެ މަސައްކަތް ކުރަނީ ސީނިއަރ އޮޑިޓަރެއް ނެތި ކަމަށް އެ އޮފީހުން ވިދާޅުވިއެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮޑިޓް ފަންޑުގެ މުވައްޒަފުން ނޭޝަނަލް ޕޭ ފްރޭމްވަރކަށް ބަދަލުކޮށްފައިވާއިރު އެ މުވައްޒަފުންގެ މުސާރައަށްވެސް 9.1 މިލިޔަން ރުފިޔާ އިތުރުވެފައިވާކަމަށްވެސް އޮޑިޓު އޮފީހުން ކޮމިޓީގައި ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގައި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ އޮޑިޓް އޮފީހުގެ މަސްއޫލިއްޔަތުތަކާ އަޅާބަލާއިރު އޮޑިޓަރުންގެ އަދަދު މަދުކަމަށެވެ. އެގޮތުން، އެ އޮފީހުގައި މިވަގުތު މަސައްކަތް ކުރައްވަނީ 150 އޮޑިޓަރުން ކަމަށް ނިޔާޒީ ފާހަގަކުރެއްވިއެވެ. މުވައްޒަފުން އިތުރުނުކޮށްވެސް މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލް ވަނީ އެ މުއައްސަސާގެ އައު އޮފީސް އިމާރާތާ ގުޅިގެން ރާވާފައިވާ ކަންކަންވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރައްވާފައެވެ.
"މިހާރުގެ އިމާރާތް އަޅަމުންދަނީ މިހާރުގެ ބޭނުންތަކަމަށް އެކަނި ފުދޭވަރަކަށް ނޫން. ކުރިއަށް އޮތް 50 އަހަރަށްވެސް މުވައްޒަފުން އިތުރުވިޔަސް ގާތްގަނޑަކަށް 280 އަށް އިތުރުވިޔަސް އެއަށް ކޭޓާކުރެވޭނެ މިންވަރަށް ޑިޒައިން ކޮށްފައި ހުރީ." ނިޔާޒީ ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ އެ އޮފީހުގެ މަސައްކަތުގެ ސްޕީޑު ވަރަށް ބޮޑަށް ހަލުއިވެފައިވާ ކަމަށެވެ. އެގޮތުން، މިހާތަނަށް ނުނިމިހުރި އޮޑިޓްތައް ނިންމައި، ބެކްލޮޮގް ކްލިއަރ ކުރެވިފައިވާ ކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާ ކުރައްވާފައިވަނީ އަންނަ އަހަރު ޖުމްލަ 367 އޮޑިޓެއްގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ.