ޚަބަރު

ޑްރަގް ޕްރިވަލަންސް ސާވޭއާއެކު މަސްތުވާތަކެއްޗާ ބެހޭ ފުރިހަމަ މައުލޫމާތު ލިބޭނެ


  • މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ޞިއްޙީ ނުރަނގަޅު އާދަކާދަތައް އަށަގެންފައިވާ ބައެއް

  • އެމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް އެންޑީއޭއިން އަންނަނީ ކުރަމުން

ސަރުކާރުން ފަށާފައިވާ ޑްރަގް ޕްރިވަލަންސް ސާވޭއާއެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރާ މަސްތުވާތަކެއްޗާ ބެހޭ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ މަސްތުވާކެތީގެ ހާލަތާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ލިޔުމުން ފޮނުއްވެވި ޖަވާބުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް ޑްރަގް ޕްރިވަލެންސް ސާވޭއެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން، މި ސާވޭ ހެދުމަށް ކަމާއި ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެވި ފުލުހުންގެ ޚިދުމަތާއި ނޭޝަނަލް ޑްރަގް އެޖެންސީއާއި ޑްރަގް ކޯޓުން ޕްރައިމަރީ ޑޭޓާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި މި ސާވޭ ހެދުމަށް އދ ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ޞިއްޙީ ނުރަނގަޅު އާދަކާދަތައް އަށަގެންފައިވާ ބަޔަކަށްވާތީ ގައިންގަޔަށް އަރާ ބަލިތަކާއި އެ ނޫންވެސް ބަލިތައް އެ މީހުންގެ ފަރާތުން ފެތުރުމުގެ ހިރާސް ވަރަށް ބޮޑު ކަމަށެވެ. އެހެންވެ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން އެފަދަ ބަލި މީހުން ދެނެގަނެވުމާއެކު އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު އެ މީހުންގެ އާއިލާތަކާ ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީން ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެފަދަ މީހުންނަށް ފަރުވާ ދިނުމަށް އެންޑީއޭއިން ގެންގުޅޭ ސިޔާސަތަކީ އެ މީހުންގެ ސައިކޭޓްރިކް އިވެލުއޭޝަން ހަދައި، ސައިކޭޓްރިކް ފަރުވާއާއި ސިމްޕްޓޮމެޓިކް މެޑިކަލް ޓްރީޓްމަންޓުގެ ގޮތުގައި ދޭންޖެހޭ ފަރުވާއާއެކު ފަރުވާގެ ޕްލޭން ހަދައި، އެ ޕްލޭނާ އެއްގޮތަށް ފަރުވާ ދެމުން ގެންދިއުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެންޑީއޭއިން ރިސަރޗް އެނަލިސިސް ހެދުމަށްޓަކައި ޕާޓީ ޑްރަގް ބޭނުންކުރުމާއި ނަފްސާނީ މައްސަލަތަކާ ގުޅުންހުރި މިންވަރު ދެނެގަތުމަށްޓަކައި ޑޭޓާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިހާރު ކުރިއަށްގެންދާ ސާވޭގައި އެންޑީއޭއިން މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ އެސެސްމަންޓުތަކުންނާއި ޓެސްޓްކުރެވޭ ކުޑަކަމުދާތަކެތީގެ ރިޕޯޓުތަކުން ޑޭޓާ އެއްކުރާ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކުގެ ކުޑަކަމުދާތަކެތި ޓެސްޓުކޮށްގެން ލިބޭ ރިޕޯޓުތައް އެ މުއައްސަސާއިން އެންޑީއޭއާ ހިއްސާކުރަމުންދާ ކަމަށާއި މި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް އެންޑީއޭއަށް ދެނެގަނެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަލީ އިޙްސާން ވިދާޅުވީ މިހާރު ކުރިއަށްދާ ޑްރަގް ޕްރިވަލަންސް ސާވޭ ނިމުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި އެ ތަކެތި ބޭނުންކުރާ ގޮތްތަކުގެ ފުރިހަމަަ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.