އދ. މާމިގިލީގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިއެވެ.
މާމިގިލީގައި ޤާއިމްކުރާ ބީއެމްއެލްގެ ބްރާންޗުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރީ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައިއެވެ. މިރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވީ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، މާމިގިލީ ދައިރާގެ މެންބަރު ގާސިމް އިބްރާހީމް އަދި އެރަށު ކައުންސިލްގެ ރައީސްއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން މަސައްކަތްކުރަމުންދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ބޭންކުގެ ޚިދުމަތްތައް އިތުރަށް ފސޭހަކޮށްދިނުމަށް ކަމަށެވެ.
"މާމިގިލީގައި އައު ބްރާންޗްގެ ބިންގާ އަޅައި، މުޅި އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތާއެކު، އަޅުގަނޑުމެން މި ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ މި ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ބޭންކުގެ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދެމުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކި ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު، އަތޮޅުތަކުގައި ބައެއް ރަށްރަށުގައި ބްރާންޗު ޤާއިމް ކުރުމުގެ މަސައްކަތްވެސް ކުރެއެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ ބޭންކިން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ބޭންކުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ގާތުން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާޢި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ފަށާފައިވާ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު މިމަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 190 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 248 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތެއް ބީއެމްއެލުން ދަނީ ފޯރުކޮށްދެމުންނެވެ. މިހާރުވެސް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އދ. މަހިބަދޫގައި ގާއިމުކޮށްފައިވާ ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.