ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ސެރިއާގެ ކްލަބް އޭސީ މިލާނުން ލީގުގައި ކުޅޭ މެޗުތައް އެހެން ގައުމެއްގައި ކުޅުމާއިމެދު މައްސަލައެއް ނެތް ކަމަށް ބުނެ އެކަމުގެ ހުއްދަ ދީފި އެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ, ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިން ބުނެފައިވަނީ ލީގު މެޗެއްގައި ކުޅޭ ދެ ޓީމުން އެއްބަސްވާ ތަނެއްގައި އެ މެޗެއް ކުޅުމާއިމެދު ޔޫއެފާގެ ގަވާއިދު ހުރަސް ނާޅާ ކަމަށާއި އެހެންކަމުން އެ މެޗެއް ބޭނުން ތަނެއްގައި ކުޅެވޭނެ ކަމަށެވެ.
"މިއީ މުޅިން އައު ކަމެއް އަދި މިގޮތަށް މެޗުތައް ކުޅުމުގާއި ޔޫއެފާގެ ގަވާއިދު ހުރަސް ނާޅާ. ނަމަވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ޓީމުތަކުގެ ސަޕޯޓަރުންނަށް ދަތިނުވާނެ ގޮތަކަށް މެޗުތައް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުން." ކެފަރިން ބުންޏެވެ.
ކެފަރިން އިތުރަށް ބުނެފައިވަނީ މިއީ ނުބައި ކަމެއްގެ ފެށުން ކަމުގައި ނުވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އަދި މި ކަމުގައި ކްލަބްތަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މި ކަމުގައި ޔޫއެފާގެ މެމްބަރު ގައުމުތަކުން ދެއްވާފައިވާ ހިޔާލާއި އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ލަލީގާގާއި ބާސެލޯނާ އާއި ވިޔަރެއާލް އަންނަ ޑިސެމްބަރ މަހު ކުޅުމަށް ހަމަޖެހިފައިވާ މެޗު އެމެރިކާގެ މަޔާމީގައި ކުޅުމަށް ނިންމާފައިވާއިރު ސެރިއާގައި އޭސީ މިލާނާއި ކޯމޯ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކުޅުމަށް ހަމަޖެހިފައިވާ މެޗު ކުޅެން ނިންމާފައިވަނީ އޮސްޓްރޭލިއާގަ އެވެ.
ލީގު މެޗުތައް އެހެން ގައުމުތަކުގައި ކުޅުމާއި ގުޅިގެން ކުރިމަތިވަމުންދާނެ ކަންތައްތައް ދިރާސާ ކުރުމަށް ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން ވަނީ ވޯކިން ގްރޫޕެއް އެކުލަވާލާފަ އެވެ.