ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ފުރަތަމަ ފަހަރަށް ކޮލިފައިވެފައިވާ އުޒްބެކިސްތާނުގެ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމަށް އިޓަލީގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯ ހަމަޖައްސައިފި އެވެ.
އަންނަ އަހަރު އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ އޭޝިޔާގެ ޖާގައެއް އުޒްބެކިސްތާނުން ކަށަވަރު ކޮށްފައިވާއިރު, އެ ގައުމަށް ކޯޗު ކޮށްދީފައިވަނީ ޓީމޫ ކަޕަޑްޒޭ އެވެ.
އުމުރުން 52 އަހަރުގެ ކަނަވާރޯ އުޒްބެކިސްތާނުގެ ކޯޗު ކަމާއި ހަވާލުވެފައިވާއިރު އޭނާ ވަނީ މީގެ ކުރިން ސައުދި އަރަބިއްޔާ އާއި ޗައިނާގެ ކްލަބްތަކުގެ އިތުރުން އިޓަލީގެ ކްލަބްތަކަށް ކޯޗު ކޮށްދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 2019 ވަނަ އަހަރު ވަގުތީ ގޮތުން ޗައިނާގެ ގައުމީ ޓީމަށްވެސް ކޯޗުކޮށްދީފަ އެވެ.
2006 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީ އިން ކާމިޔާބުކުރިއިރު އެ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި ކަނަވާރޯ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް ކޯޗެއްގެ ގޮތުގައި އޭނާއަށް އަދި މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.
ކަނަވާރޯ އެންމެ ފަހުން ކޯޗު ކޮށްދީފައިވަނީ ޑައިނަމޯ ޒަގްރެބް އަށެވެ. އޭނާ އެ ކްލަބުގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ އެންމެ ހަތަރު މަހަށެވެ.