ޚަބަރު

ރައީސް އދ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ 4ވަނަ މަންޒިލަކަށް ފެންފުށި


  • މުހިންމު މަޝްރޫޢުތަކެއްގެ ފެށުން ކުރިއަށްދާނެ

  • ރައީސް ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި މިއަދުގެ ހަތަރުވަނަ މަންޒިލެއްގެ ގޮތުން އެއަތޮޅު ފެންފުއްޓަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސްއަށް މަރުހަބާ ދެންނެވުމަށް ފެންފުށި ކައުންސިލްގެ މެމްބަރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އާންމުންގެ ގިނަބަޔަކުވަނީ ރަށުގެ ބަނދަރު ސަރަޙައްދަށް ޖަމާވެފައެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރޭގައި ހިމަނައިގެން ފެންފުށީގައި ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވާނެއެވެ.

އެގޮތުން ފެންފުށީގައި ޤާއިމުކުރާ އޭޓީއެމްގެ ޚިދުމަތް އެމަނިކުފާނު ފަށްޓަވައިދެއްވާނެއެވެ. އަދި ފެންފުށީގައި ޕޮލިސް ޕޯސްޓާއި، ޞިއްޙީ މަރުކަޒުގެ އިތުރުން ކުނި މެނޭޖުކުރާ ސެންޓަރުގަ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ފެންފުށީގައި ވޮލީ ކޯޓު ތަރައްޤީކުރުމާއި ރަށުގެ ދުވާ ޓްރެކް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފެށުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އެރަށުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެއެވެ.