ޚަބަރު

ދަނގެތީގައި ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދޭނަން: ރައީސް


އދ. ދަނގެތީގައި ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ދިހަ ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަނގެއްޗަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން އެރަށަށް ކޮށްދެއްވަން ގަސްދުކުރައްވާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވުމުގެ މަސައްކަތްކަމަށެވެ. މިމަސައްކަތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށާއި އެ ދަނޑުވެގެންދާނީ ރަނގަޅު ފެންވަރުގެ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްޤީކުރެވިގެންދާ ދަނޑަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

"ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެން ކުރަން ނިންމާފައިވާ މުހިންމުކަމެއް ދަންނަވާލާނަން. އެއީ ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދިނުމަށްޓަކައި ޒަމާނީ ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އަޅައިދިނުން. މިރަށުގަ އެބަހުރި އެހެންކަހަލަ ދަނޑުތައް. ފުޓުބޯޅަ ދަނޑެއް އަޅައިދިނުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގެ ތެރޭގައި ހިމަނައިގެން މިރަށުގައި ހަމަ އެންމެ ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އިރާދަކުރެއްވިއްޔާ ޤާއިމުކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ކުރިއަށް އެބަދެއެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމް އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކޮށްދެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ. މިމަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށްދާއިރު، ކުޅިވަރުގެ އެހެނިހެން ވަސީލަތްތައްކަމަށްވާ ދަނޑުތަކާއި ކޯޓުތައް ބިނާކުރުންފަދަ މަސައްކަތްތައްވެސް އަންނަނީ ކުންފުނިތަކާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވަމުންނެވެ.