އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ރާއްޖޭގެ ގައުމީ ޓީމު އެ ގައުމަށް ފުރައިފިއެވެ.
މިއަދު ހެނދުނު ގައުމީ ޓީމު ތަޖިކިސްތާނަށް ފުރާފައިވާއިރު، މި މެޗު ކުޅުމަށް ތާވަލުކޮށްފަވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
ތަޖިކިސްތާން މެޗަކީ ގައުމީ ޓީމުގެ ކޯޗުގެ މަގާމާ މުޙައްމަދު ޝިޔާޒް (މޯހަން) ހަވާލުވިފަހުން ގައުމީ ޓީމުން ކުޅޭ ކޮލިފައިންގެ ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން ގައުމީ ޓީމުން ވަނީ މޯހަންގެ އިރުޝާދުގެ ދަށުން ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ގޯލްކީޕަރު ހުސެއިން ޝަރީފް ވަނީ ހިމަނާފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާންކުރި ސްކޮޑްގައި ކީޕަރު ހުސެއިން ހިމަނާފައިވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ލީގުގައި ކުޅެން ފެށުމުންނެވެ.
ހުސެއިންގެ އިތުރުން ތަޖިކިސްތާން މެޗަށް ނެގި ސްކޮޑުގައި ހިމެނޭ އަނެއް ދެ ކީޕަރުންނަކީ އަނިޔާއަށްފަހު ސައުތު އޭޝިއަން ސުޕަ ކަޕުގައި ރާއްޖޭގެ ގޯލް ބެލެހެއްޓި މުޙައްމަދު ފައިސަލް އާއި މުޙައްމަދު ޔާމީންއެވެ. ސައުތު އޭޝިއަން ސުޕަ ކަޕުގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ހަސަން އީނާޒް ވަނީ ޓީމުން ބާކީކޮށްފައެވެ.
އޭޝިއަން ކަޕުގެ ކޮލިފައިން ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ 4-1 ގެ ނަތީޖާއަކުން ފިލިޕީންސް އަތުން ބަލިވެފައެވެ. އަދި ދެވަނަ މެޗުން ރާއްޖެ ބަލިވީ ޓިމޯ ލެސްޓޭ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ރަށުން ބޭރުގައި ރާއްޖެއިން ތަޖިކިސްތާނާ ދެކޮޅަށް ކުޅޭއިރު، މި މަހުގެ 14 ވަނަ ދުވަހު މި ދެ ޓީމު މާލޭގައި ބައްދަލުކުރާނެއެވެ. އޭގެ ފަހުން ކޮލިފައިންގައި އަންނަ ނޮވެމްބަރު މަހުގެ 18 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ގައުމީ ޓީމުން ދެން ނުކުންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 31 ގައި އީސްޓް ޓިމޯއާ ދެކޮޅަށެވެ.