ޚަބަރު

ސަރުކާރުން ބޭނުންވާ ވަކި ނަތީޖާއެއް ނެތް، އައްޑޫ ރައްޔިތުންގެ ނިންމުން ތަންފީޒުކުރާނަން: ރައީސް


  • ފެންނަ ނުފެންނަ ވޯޓު ނަގަނީ މިމަހު ފަހު ހަފްތާގައި

  • އައްޑޫގެ 3 ރަށެއް ވަކިވުމާއެކު ވޯޓު ނަގާނެ

އައްޑޫގައި ނަގަން ނިންމާފައިވާ ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން އެއްވެސް ކޮޅެއް ނުނަންގަވާނެކަމަށާއި، ރައްޔިތުން ނިންމާގޮތަށް ސަރުކާރުން އެކަން ތަންފީޒުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލު އެކުލެވިގެންވާގޮތަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް މިމަހުގެ 28 އަދި 29 ވަނަ ދުވަހު ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުންނެވެ.

ސޯޝަލް މީޑިއާގަައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތްކަމަށާއި އަދި ސަރުކާރުން އިޚްތިޔާރު ކުރާ ވަކި ނަތީޖާއެއްވެސް ނެތްކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ވޯޓުން، މެޖޯރިޓީއިން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރައްވާނެކަމަށެވެ.

އައްޑު އަތޮޅުގެ ރަށްރަށުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް އިޢުލާނުކުރެއްވީ، ނޮވެމްބަރު މަހު 17ވަނަ ދުވަހު އޮތް "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުނެވެ. ރައީސް ވިދާޅުވީ މިގޮތަށް ވޯޓެއް ނަގަން ނިންމާފަވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އައްޑޫގެ ބައެއް ރަށްރަށުން އެގޮތަށް އެދިފައިވާކަމަށެވެ.

ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫގައި ނަގާ މިވޯޓު ވެގެންދާނީ، ތާރީޚީ ވޯޓަކަށްކަމަށެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާއެކު، މިއީ މި ޤާނުނުގެދަށުން ނަގާ ފުރަތަމަ ވޯޓަށް ވެގެންދާނެއެވެ.