ޚަބަރު

"ބޭނުންވަނީ މަދުވެގެން %65 ދަރިވަރުން، 18އަހަރު ވަންދެން ރަސްމީ ތަޢުލީމުގެތެރެއިން ކުރިއަށްދާން"


  • 2023ގައި މަތީ ސާނަވީން ފުރުޞަތު ލިބުނީ %31 ދަރިވަރުންނަށް

  • މިއަހަރު %49 ދަރިވަރުންނަށް ފުރުޞަތު ދިން

  • މަތީ ސާނަވީ ތަޢުލީމު 3 ޕާތްވޭއަކަށް ވަނީ ބަދަލުކޮށްފައި

ސަރުކާރުގެ ޢަމާޒަކީ ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން މަދުވެގެން %65 ދަރިވަރުން، އުމުރުން 18 އަހަރު ވަންދެން ރަސްމީ ތަޢުލީމުގެ ނިޒާމުގެތެރެއިން ފުރުސަތު ލިބޭނެ ގޮތް ހެދުންކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ހަވާލުވިއިރު، މަތީ ސާނަވީއިން ފުރުޞަތު ލިބެމުން އައީ %30 ދަރިވަރުންނަށެވެ.

މަތީ ސާނަވީގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ވަނީ ބޮޑު މަޝްރޫޢެއް ފަށްޓަވާފައެވެ. މަތީ ސާނަވީގައި ތަޢުލީމީ 3 އޮނިގަނޑެއް ސަރުކާރުން މިހާރު މިވަނީ ތަޢާރަފުކުރައްވާފައެވެ. އެއީ ސްކޫލަށް ހާޒިރުވެގެން ކިޔަވާ އެކަޑެމިކް ޕާތްވޭ، މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ޕާތްވޭ އަދި މަސައްކަތުގެ މައިދާނަށް ޚާއްސަ ވޯކް ބޭސްޑް ޓިވެޓް ޕާތްވޭއެވެ.

ވަޒީރު ވިދާޅުވީ 2023އާއި ހަމައަށް އައި އިރުވެސް މަތީ ސާނަވީން ފުރުޞަތު ލިބެނީ %30އެއްހާ ދަރިވަރުންނަށްކަމަށެވެ. ނަމަވެސް، މިއަހަރު އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން %49 ދަރިވަރުންނަށް މަތީ ސާނަވީގެ އެކަޑެމިކް ޕާތްވޭއިން ފުރުޞަތު ފަހިކޮށްދީފައިވާކަމަށެވެ.

އަދި ރާއްޖޭގައި މުޅިން އަލަށް މަތީ ސާނަވީ މަރުހަލާއަށް ވޮކޭޝަނަލް ޕާތްވޭ އިތުރުކޮށް، އެ ފުރުޞަތަށް މިމަހުގެ 3ވަނަ ދުވަހު ސަރުކާރުން ވަނީ ހުޅުވާލާފައެވެ. މިއީ އެމްކިއުއޭ ލެވެލް 4ގެ ސެޓްފިކެޓް ފެންވަރުގެ ޕްރޮގްރާމްތަކެކެވެ. މިކަމަށް ޚާއްސަކޮށް މާލޭގައި ހައި ސްކޫލެއް ހުޅުވަން ނިންމާފަވާއިރު، 10 ކޯހަކަށް ކުރިމަތިލުމަށް ވަނީ އިޢުލާންކޮށްފައެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވީ ވޮކޭޝަނަލް ޕާތްވޭގެ ކިޔެވުން މިދިޔަ އަހަރު 23 ސްކޫލެއްގައި ޕައިލެޓްކުރިކަމަށެވެ. އަދި މިއަހަރު 12 ސްކޫލެއްގައި އަޖުމަބެލުމުގެ ޕްރޮގްރާމް ކުރިއަށްގެންދަވާނެކަމަށެވެ. މި ޕްރޮގްރާމްތައް ފުރިހަމަކުރާ ދަރިވަރުންނަށް، ޔުނިވަރސިޓީ ލެވެލްގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކަށް ވަނުމަށް ބޮޑު ލުޔެއް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ނުވަތަ މަތީ ސާނަވީ ނިންމާގޮތަށް، ވަޒީފާއަށް ވަދެވޭ މިންވަރަށް ހުނަރުތައް ތަރައްޤީކުރާނެކަމަށް ވިދާޅުވިއެވެ.

"މި ފުރުޞަތަށް ހުޅުވާލާ 2 ދުވަސްވިއިރު، %25 ޖާގަ ވަނީ ފުރިފައި. މިފުރުޞަތުތަކާއެކު ވަރަށް ގިނަ ކުދިންނަށް ރަސްމީ ތަޢުލީމުން މި ފުރުޞަތު ދެވެނީ. ސާނަވީ ނިމޭހިސާބުން ރަސްމީ ތަޢުލީމު "ފުލްސްޓޮޕް" ޖެހުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން." ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރަސްމީ ތަޢުލީމުގެ ނިޒާމުގެތެރެއިން "ވޯކް ބޭސްޑް ޓިވެޓް ޕާތްވޭ" ފުރުޞަތަށްވެސް ހުޅުވާލައްވާނެކަމަށެވެ. މި ޕްރޮގްރާމް ކުރިއަށްގެންދާނީ ސަރުކާރުގެ އެކިއެކި އޮފީސް އިދާރާތަކާއި ގުޅިގެންނެވެ.

ވަޒީރު ވިދާޅުވީ މިއިން ކޮންމެ ކަމަކީ، ކިޔެވުމާއި ހުނަރު ލިބިގަތުމުގެ މުހިންމުކަން އަންގައިދީ ހުނަރުވެރި ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތެއްކަމަށެވެ. މީގެސަބަބުން ހުނަރާއި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.