ސްޕޭނުގެ ބާސެލޯނާ އަށް ބަދަލުވާހާ މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަށް އާލިން ހާލަންޑް މޮޔަނުވާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އޭނާ މިހެން ބުނީ އަންނަ އަހަރު އޮންނަ ބާސެލޯނާގެ އިންތިހާބާ ދިމާކޮށް އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ މޮޅު ފޯވަޑަކު ގެންނާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުންނެވެ.
ހާލަންޑް ވަނީ ހުސްވި ސީޒަނުގައި ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް 10 އަހަރަށް އިތުރުކޮށްފަ އެވެ. ނަމަވެސް ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި ކޯޗު ގާޑިއޯލާ ބުނީ ފުޓްބޯޅައިގައި ވާނެ ގޮތެއް ބުނަން އެކަކަށް ވެސް ނޭނގޭނެ ކަމަށެވެ.
"އެއްވެސް މީހަކަށް، އަހަރެންނަށް ކުރިއަށްވާނެ ކަންކަން ބުނާކަށް ނޭނގޭނެ. އެކަމަކު އަހަރެން ގަބޫލު ކުރަނީ އޭނާ މި ކުލަބުގައި ހުންނަން ނުވިސްނާނަމަ ކޮންޓްރެކްޓް އާ ނުކުރާނެކަން. އަހަރެންނަށް އެނގޭ ކަމަކީ އޭނާ އަކީ މި ކުލަބުގެ ކުޅުންތެރިއެއްކަން. ދެން ބާސެލޯނާއިން އޭނާ ބޭނުންވުމަކީ ހަމަ ވެދާނެ ގޮތެއް. ދުނިޔޭގެ ކޮންމެ ކުލަބެއްގެ ވެސް ހުވެފެނެއް އެ ކުލަބުގައި ހާލަންޑް ކުރުމަކީ. މެންޗެސްޓާ ސިޓީގައި އޭނާ ނެތްނަމަ މި ކުލަބުން އެ ކަމަށް އުއްމީދު ކުރާނެ،" ގާޑިއޯލާ ބުންޏެވެ.
ހާލަންޑް ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 11 މެޗުގައި 18 ގޯލު ޖަހައިފަ އެވެ. ގާޑިއޯލާ ބުނީ ބާސެލޯނާއިން ހާލަންޑް ގަންނަން ބޭނުންވި ނަމަވެސް އެކުލަބަށް ބަދަލުވާން ވިސްނާނެހާ ކުޅުންތެރިޔާ މޮޔަނުވާނެ ކަމަށެވެ.
"އަހަރެންނަކަށް ހިޔެއް ނުވޭ އޭނާ އަކީ އެފަދަ މޮޔައަކަށް ވެދާނެހެން. އަހަރެން ގާތުގައި ނިކަން ބުނެބަލަ އޭނާ ގަތުމަށް ޝައުގުވެރިނުވާނެ އެންމެ ކުލަބެއް ވެސް. ކޮންމެ ބަޔަކު ވެސް އެކަމަސް މަސައްކަތް ކުރާނެ،" ގާޑިއޯލާ ބުންޏެވެ.
ލަޕޯޓާގެ ފުރަތަމަ ދައުރުގައި ބާސެލޯނާގެ ކޯޗަކީ ގާޑިއޯލާ އެވެ. އަދި ދެ މީހުންނަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. ހަތަރު އަހަރު ފަހުން އޭނާ ކޯޗުކަމުން ވަކިވިއިރު އެއީ ކުލަބުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗެވެ. ނަމަވެސް ގާޑިއޯލާ ބުނީ ބާސެލޯނާ އަށް ދެން އޭނާ ކޯޗުކޮށްނުދޭނެ ކަމަށެވެ.