ޚަބަރު

އެއްބަސްވުމާއެއްގޮތަށް ބިދޭސީންގެ ފީތައް ނުދައްކާ ފަރާތްތަކަށް ދެން އިތުރު ފުރުޞަތެއް ނުދޭނެ


  • އެއްބަސްވުމުގެ ދަށުން ފީތައް ދެއްކުމަށް ފުރުޞަތު ދީފައިވޭ

  • ބިދޭސީންނާ ގުޅޭ ފީތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން އޮތް

  • ފީތައް ނުދައްކާ 8000އަށްވުރެ ގިނަ ފަރާތް އެބަތިބި

ބިދޭސީންނާ ގުޅޭ ޖޫރިމަނާއާއި ފީތައް ދެއްކުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދެން ނުލިބޭނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މީގެކުރިން ވުޒާރާއިން ވަނީ ފީތައް ދެއްކުމަށް، އެއްބަސްވުމެއްގެ ދަށުން ލުއިގޮތްތަކެއް ބިދޭސީން ގެންގުޅޭ ފަރާތްތަކަށް ހަމަޖައްސައިދީފައެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވީ 1 ސެޕްޓެމްބަރު 2024ގައި، ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން، ފީތައް ދައްކަމުންދާ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން، އެ ވުޒާރާއިން ދީފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ގޮންޖެހުންތައް ހުރިކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ.

އެހެންކަމުން އޮކްޓޯބަރ 10 ވަނަ ދުވަހުން ފެށިގެން، ގަވާއިދުން ފީތައް ދައްކާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް މިހާރު ނިންމާފަވާކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި އެއްބަސްވުމަށް ގެންނަ ބަދަލުތަކުގެ ތަފްސީލު އެކްސްޕެޓް ސިސްޓަމް ހޯމްޕޭޖް މެދުވެރިކޮށް ވަޒީފާދޭ ފަރާތްތަކަށާއި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ފާއިތުވެދިޔަ މުއްދަތުގައި، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކަށް، އިތުރު އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުޞަތު ދެން ނުދޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވެއެވެ. ގަވައިދުން ފީތައް ދައްކަމުން ދަނީ 7،900އެއްހާ މީހުންނެވެ. ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000އަށްވުރެ ގިނަ ފަރާތް، އެކްސްފެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ފަރާތްތަކުން ދަޢުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ގިނަ މަސައްތްތަކެއް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ. މިހާތަނަށް އެ ވުޒާރާއިން ވަނީ ރާއްޖޭފައި ދިރިއުޅެމުންދާ 177،000އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައެވެ.