ޚަބަރު

ހަނިމާދޫ އެއަރޕޯޓުގެ ސަލާމަތީ މިންގަނޑު މިހާރަށްވުރެ ވަރުގަދަކުރާނަން: އެމްއޭސީއެލް


  • އެއަރޕޯޓު ނޮވެމްބަރު މަހަށް ނިންމާ ހުޅުވާނެ

  • އަހަރަކު 1.3 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާ ހަވާލުވުމަށްފަހު، އެ އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަކުރާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ. އެކުންފުނިން ދަނީ ހަނިމާދޫ އެއަރޕޯޓު އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވަނީ ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ހުޅުލޭ އައިލެންޑް ހޮޓަލުގައެވެ.

މި ބައްދަލުވުމުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދާއި، އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު ފަސީހާއި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް, މޯލްޑިވްސް އިމިގްރޭޝަން, މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ, ދިވެހިން ފުލުހުންގެ ޚިދުމަތް, އެމްއެންޑީއެފް, މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް ހިމެނޭހެން ކަމާގުޅުންހުރި އެހެނިހެން އިދާރާތަކުގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފު މުޙައްމަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެމްއޭސީއެލުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ހަވާލުވުމުން، އެ އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ހަނިމާދޫގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެންމެ ލަސްވެގެން އަންނަ ނޮވެމްބަރު މަހު ބޭނުންކުރަން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މި އެއަރޕޯޓުގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމިފައިވާއިރު، މިހާރު ކުރަމުންދަނީ އެއަރޕޯޓު އޮޕަރޭޝަނަށް ގެނައުމުގެ ކުރިން ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތަކެވެ.

މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގް 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެއީ 3 އެއަރބަސް އާއި 6 އޭޓީއާރް މަތިންދާ ބޯޓަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައެވެ.

ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އައު ޓަރމިނަލަކީ ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓަރމިނަލެކެވެ. ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި ޓަރމިނަލްގެ މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމްކޮށްފައިވަނީ ހަނިމާދޫ އެއަރޕޯޓްގައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތަކީ ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިއީ އަހަރަކު 1.3 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.