ކުޅިވަރު

މޯހަން އެދެނީ ގައުމީ ޓީމާއިއެކު ސަޕޯޓަރުން އަބަދުވެސް ތިބުމަށް


ހީނަރުވަމުންދިޔަ ފުޓުބޯޅައިގެ ފޯރި އަލުން އިޔާދަވަމުން އަންނަކަމަށާއި ގައުމީ ޓީމާއި އެކު ސަޕޯޓަރުން އަބަދުވެސް ތިބެ ދިނުމަށް ސުޕަކަޕުގެ ތަށި ރާއްޖެއަށް ހޯދަދިން ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އެދެފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި މޯހަން ބުނީ ގައުމީ ޓީމުން ހޯދާ ކާމިޔާބީގެ ފަހަތުގައި ދިވެހި ސަޕޯޓަރުން ދެމުންދާ ތަރުހީބު މުހިންމު ދައުރެއް އަދާކުރާކަމަށެވެ.

ދިވެހިންނަކީ ކުރީންސުރެ ފުޓުބޯޅައަށް ފޯރިދެމުން އައި ބައެއް ނަމަވެސް ފުޓުބޯޅައަށް ދިމާވި ގޮންޖެހުންތަކާއި އެކު އެފޯރި މަޑުމަޑުން ފަނޑުވެގެންދިޔައެވެ. އެހެންނަމަވެސް މިމަހުގެ ކުރީކޮޅު ލަންކާގައި ކުރިއަށް ދިޔަ ސުޕަކަޕު މުބާރާތުގައި ވާދަކޮށް އެމުބާރާތުން ހިއްލާލި ތައްޓާއެކު ސަޕޯޓަރުންގެ އުންމީދުތައް އައުވެ ކުރިން އޮތް ފޯރި އަލުން އިޔާދަވަމުންދާކަމަށް މޯހަން ފާހަގަކުރިއެވެ.

"ފުޓުބޯޅައިގެ ހާލަތު މި ދޭތެރެއިން މިގޮސްފަ އޮތްވަރާއި، ކުޅުންތެރިންގެވެސް އުންމީދުތަކާއި ކަންތައްތައް ހުރިގޮތާއި ސަޕޯޓަރުންގެވެސް އުންމީދުތައް ހުރި ވަރަށް ބަލާފަ، އަޅުގަނޑުމެންނަށް ސުޕަކަޕުގެ ފުރަތަމަ މެޗުން އެނުކުތް ނަތީޖާއިން ވަރަށް ބޮޑު ތަފާތެއް ފުޓުބޯޅައަށް އަނެއްކާވެސް އައިތަން ފެނިގެން ދިޔައީ" މޯހަން ބުންޏެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކެއް ކުޅުމަށް ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރަމުން އަންނައިރު މި މަހުގެ ނުވަވަނަ ދުވަހު ގައުމީ ޓީމުން ނުކުންނާނީ ތަޖަކިސްތާނާ ދެކޮޅަށް އެ ގައުމުގައެވެ. އެއަށްފަހު މިމަހުގެ 14ވަނަ ދުވަހު ގައުމީ ޓީމުން އަމިއްލަ ދަނޑުގައި އަނެއްކާވެސް ތަޖަކިސްތާނާ ވާދަކުރަންޖެހޭނެއެވެ. މޯހަންބުނީ ސަޕޯޓަރުންގެ ތަރުހީބަކީ ކުޅުންތެރިންނަށް ހިތްވަރުގެނުވާ ސަބަބެއްކަމަށާއި، އެހެންކަމުން ދިވެހިން ގައުމީ ޓީމާއި އެކު ތިބެދިނުމަށް މޯހަން އެދިފަވެއެވެ. މިމަހުގެ 14 ވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ގަލޮޅު ދަނޑު ފުރާލަދީ، ސަޕޯޓަރުންގެ ފަރާތުން ކުޅުންތެރިންނަށް ޖޯޝާއި ފޯރި ގެނެސްދޭތަން ފެނުމަކީ ކުރާ އުންމީދެއްކަމަށް މޯހަން ފާހަގަކުރިއެވެ.

"ސަޕޯޓަރުންވެސް އިތުރަށް އުންމީދުތަކަކާއި އެކީގައި މީގެ ތެރެއަށް ވަދެގެން ދިޔަތަން ފެނިގެން ދިޔައީ. އެހެންވީމަ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ކުޅުންތެރިންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރަކަށްވެގެންދޭ. ސަޕޯޓަކީ ވަރަށް މުހިންމު އެއްޗެއް. އެހެންވީމަ އެ ސަޕޯޓު އަޅުގަނޑުމެންނަށް ލަންކާއިން ފެނިގެންދިޔަ. އަޅުގަނޑުމެން އުންމީދުކުރަނީ 14 ވަނަ ދުވަހު ރާއްޖޭގައި ކުޅޭ މެޗުގަވެސް އަޅުގަނޑުމެންނަށް ހަމަ ގަލޮޅު ދަނޑުން އެވަރު ނޫނީ އެއަށްވުރެވެސް މާ ގަދަ ސަޕޯޓެއް އަޅުގަނޑުމެން ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދާނެކަމަށް" މޯހަން ބުނެފަވެއެވެ.