މިއަހަރުގެ މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިއެވެ.
ކޮންމެ އަހަރެއްގެވެސް މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ އޮކްޓޫބަރުމަހުގެ 5 ވަނަ ދުވަހުއެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރި އެއް ސްކޫލަކީ، ތާޖުއްދީން ސްކޫލެވެ. މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ތާޖުއްދީން ސްކޫލުގައިވަނީ ޚާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންނެވިއެވެ.
މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ތާޖުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މުދައްރިސުންނަށްވުރެ ޝަރަފުވެރި، ޤަދަރުވެރި އަދި އިއްޒަތްތެރި ބަޔަކު ދުނިޔޭގެ އެއްވެސް ޤައުމެއްގައި ތިބެދާނެކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.
"މުދައްރިސުންނަށްވުރެ ޝަރަފްވެރި ޤަދަރުވެރި އިއްޒަތްތެރި ބަޔަކު ދުނިޔޭގެ އެއްވެސް ޤައުމެއްގަ، އެއީ މިޤައުމުގަ ކަމުގައިވިޔަސް ދުނިޔޭގެ އެއްވެސް ޤައުމެއްގަ ތިބޭނެކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އެއީ ޕައިލެއްޓެއްކަމުގައި ވިޔަސްމެ، ޑޮކްޓަރެއްކަމުގައި ވިޔަސްމެ، އެކައުންޓެންޓެއްކަމުގައި ވިޔަސްމެ، އިދާރީ ފަންނީ ޤާބިލު މީހަކު ކަމުގައިވިޔަސްމެ، އިންޖިނިއަރެއްކަމުގައި ވިޔަސްމެ، ހުރިހާ ފަންނެއްގެ މީހުން ބިނާކުރާ މޭސްތިރިންނަކީ މުދައްރިސުން." ވަޒީރު ވިދާޅުވިއެވެ.
މުދައްރިސުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1994ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 5 ވަނަ ދުވަހު، މުދައްރިސުންގެ އަގު ވަޒަންކުރުމުގެ ގޮތުން މި ދުވަސް ސްކޫލްތަކުގައި އަންނަނީ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.
އެކި ޤައުމުތަކުގެ ޖީލުތައް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުދައްރިސުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން"އެވެ. މި ޝިއާރުން ދޭހަކޮށްދެނީ އުނގަންނައިދިނުމަކީ ގުޅިގެން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމުކަމެވެ.