މިއަހަރުގެ ތެރޭގައި އިތުރު 50 ޚިދުމަތެއް ވަންގަވް ޕްލެޓްފޯމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓްރޭޑް ނެޓްގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރު ވިދާޅުވެއްޖެއެވެ.
ޕީއެސްްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރޭޑް ނެޓްގެ މެނޭޖިން ޑިރެކްޓަރ ސަޢީދާ ޢުމަރު ވަނީ އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ޓްރޭޑް ނެޓްގެ މެނޭޖިން ޑިރެކްޓަރ ސަޢީދާ ޢުމަރު ވިދާޅުވީ ވަންގަވްގެ ޕްލެޓްފޯމްގެ ތެރެއިން ސަރުކާރުގެ ހުރިހާ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަކީ މޯލްޑިވްސް 2.0ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ނިޔަލަށް އެ ޕްލެޓްފޯމް މެދުވެރިކޮށް އާންމު ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމަކީ ހަވާލުކޮށްފައިވާ ބޮޑު މަސައްކަތެއްގެ ގޮތުގައި ސަޢީދާ ފާހަގަކުރެއްވިއެވެ.
ވަންގަވްގެ ޕްލެޓްފޯމްގެ ތެރެއިން މިހާރުވެސް 15 އިދާރާއެއްގެ ޚިދުމަތްތައް ލިބެން ހުންނާނެކަން ފާހަގަކުރައްވާ ސަޢީދާ ވިދާޅުވީ އިތުރު 11 އިދާރާއަކާއި 4 ކައުންސިލެއްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އެ ޕްލެޓްފޯމްގައި ހިމެނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިއަހަރުގެ ތެރޭގައި އިތުރު 50 ޚިދުމަތެއް ވަންގަވްގެ ޕްލެޓްފޯމްއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ސަޢީދާ ވިދާޅުވީ މިހާރުވެސް އެ ޕްލެޓްފޯމްއިން 400 އަށްވިރެ ގިނަ ޚިދުމަތް ލިބޭނެކަމަށާއި 300އަށްވުރެ ގިނަ އާންމު މަޢުލޫމާތުތައް ލިބެން ހުންނާނެކަމަށެވެ.
"2027ގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި މަގުޗާޓެއް އެކުލަވާލުމަށްފަހު އިދާރާތަކާ ގުޅިގެން މަސައްކަތް ދަނީ ކުރަމުން. އެންމެ ފުރަތަމަ އިސްކަންދެނީ ރައްޔިތުންނަށް ބޭނުންވާނެ ޚިދުމަތްތައް ވީހާވެސް އަވަހަށް ވަންގަވް ޕްލެޓްފޯމްގެ ތެރެއިން ދެވޭނެ ގޮތް ހެދުމަށް." ޓްރޭޑް ނެޓްގެ މެނޭޖިން ޑިރެކްޓަރ ސަޢީދާ ޢުމަރު ވިދާޅުވިއެވެ.
އިތުރު ޚިދުމަތްތައް ވަންގަވްއަށް ގެނައުމަށްޓަކައި ކުރައްވާ މަަސައްކަތްތަކުގެ ތެރޭގައި އެންސްޕާއާއި ޓްރާންސްޕޯތް މިނިސްޓްރީގެ އިތުރުން އިތުރު އިދާރާތަކާއެކު މަސައްކަތް ކުރައްވަމުން އަންނަކަންވެސް ސަޢީދާ ފާހަގަކުރެއްވިއެވެ. ސަޢީދާ ވިދާޅުވީ ކައުންސިލްތަކުގެ ޚިދުމަތް މި ޕްލެޓްފޯމްއިން ލިބެން ހުރުމަކީ ފަސޭހަކަމެއްކަމަށާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ވަރަށް ގިނަ ޚިދުމަތްތައް މި ޕްލެޓްފޯމްގެ ތެރެއިން މިހާރު ލިބެން ހުންނާނެކަމަށެވެ.
2023 ވަނަ އަހަރު އިފްތިތާހް ކުރި ވަންގަވް ޕްލެޓްފޯމްގައި ފުރަތަމަ ހިމަނާފައި އޮތީ 5 އިދާރާއަކުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތަކެވެ. އޭރު ޚިދުމަތް ދެމުން ގެންދިޔައީ ފުރަތަމަ އަންނަ އިދާރާއަށް ފުރަތަމަ ޚިދުމަތް ފޯރުކޮށްދޭ ފަދަ އުޞޫލަކުންނެވެ. އޭރު އޮތީ ވިިޔަފާރިއާ ގުޅުން ހުރި ޚިދުމަތްތަކަށެވެ. ނަމަވެސް ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ޕްލެޓްފޯމްއަށް ގެނައުމަށްޓަކައި ދަނީ ކުރަމުންނެވެ.
"ވަންގަވް" ޕޯޓަލްއަކީ ސަރުކާރުގެ އެކި އިދާރާތަކުން ކުރިން ފޯރުކޮށްދެމުންދިޔަ ޚިދުމަތް، އެއް ތަނަކުން ލިބޭ ގޮތަށް ތަރައްޤީކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ.